ދީނީ އިލްމުވެރިޔާ ޑރ. އަަފްރާޝީމް އަލީގެ މަރުގެ ރިޕޯޓްގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައިވަނީ ޑރ. އަަފްރާޝީމް އަވަހާރަ ކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އެމްޑީޕީ އެކްޓިސްޓް ހ. ހިކޯޓް، އަލީ ޝާން (ސަޓޯ)ގެ ނަން ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ "241"ގެ ސަބް ކޮމިޓީން ރިޕޯޓް ފާސް ކުރުމާއި ގުޅިގެނެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. އަފްރާޝީމް މަރުގެ ރިޕޯޓްގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރެއް މަޖްލީހަށް ލިބިގެންނުވާ ކަމަށެވެ. އަދި އެމްޑީޕީ އިން ކޮންޓްރޯލްކުރާ ހަތިޔާރަކަށް އެ ރިޕޯޓް ހަދައިފި ކަމަށާއި ރިޕޯޓްގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ. ލާޖައްސާ އުސޫލުން ރިޕޯޓާ މެދު ކަންތައްކުރުމަކީ ރޭވުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރިޕޯޓްގައި ސަޓޯގެ ނަން އުނިކުރުމަށްފަހު ވަނީ އެމްޑީޕީ އެކްޓިވިސްޓް އަދި މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމެއްގައި ހުރި އަލީ ހާޝިމް (ސްމިތު) ނަން ހިމަނާފައެވެ. އެ ރިޕޯޓްގައި ވަނީ ސްމުތަކީ ފައިސާގެ މުއަމާލާތްތައް ހިންގި ކަމަށް ބުނާ މީހުންގެ ލިސްޓްގައި ހިމެނޭ މީހެއް ކަމަށާއި ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ މައުލޫމާތު އެނގިހުރެ ސިއްރު ކުރި މީހެއް ކަމަށެވެ.

ސަޓޯ އަކީ ޑރ. އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަން ފުލުހުން ހިންގި ތަހުގީގުންނާއި ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ އެނގިފައެވެ. އަދި ސަޓޯ އަކީ އެ ހަމަލާ ރާވައި ހިންގުމުގައި ވެސް އިސްކޮށް އުޅުނު މީހެއް ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެއެވެ. އެ ރިޕޯޓު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން އާންމު ކުރި އިރު، ސަޓޯ އަދާކުދަމުން ދިޔަ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާ އިން އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގިނަ މީހުންގެ ނަންތައް ވަކި ވަކި ކެޓަގަރީތަކަށް ބަހާލައި އެ މީހުންގެ ނަންތައް ސަބް ކޮމިޓީގެ ރިޕޯޓުގައިވަނީ ހިމަނާފަ އެވެ.

އެގޮތުން ސަބް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ފައިސާގެ މުއާމަލާތްތައް ހިންގި މީހުންގެ ލިސްޓަކާއި އެކަން އެނގި ތިބެ ސިއްރު ކުރި ފަރާތްތަކާއި ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ ނަންތަކާއި އަދި އެ މަރުގެ ހަގީގަތް އެނގޭނެ އޭރު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި ފަރާތްތަކުގެ ނަންތަކެވެ.

ސަބް ކޮމިޓީ ރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ފައިސާ މުއާމަލާތް ހިންގި މީހުންގެ ލިސްޓުގައި 12 މީހެއްގެ ނަން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސާ)ގެ ދަނބިދަރި، މ.ޖަރީމާގެ، އަބްދުﷲ ޖާވިދު (ޖާ) އާއި އެކަމުގައި މޭސްތިރިޔާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ، ހ. ހިލްޓަން އަޒްލީފް ރައޫފް އަދި އެ މަރުގައި އަމަލީ ގޮތުން ބައިވެރިވި، ހ. ލޮބީ ހުސައިން ހުމާމްގެ ނަންވެސް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން އެ ލިސްޓުގައި ސުމިތްގެ ނަންވެސް ހިމެނެއެވެ.