ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަން ލާޒިމު ކުރާ ކުޑަކުދިންގެ އަދުލުގެ ގާނޫނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
މި ގާނޫނުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްޗަށް އަމަލުކުރަން ޖެހޭނެ ގޮތްތަކެވެ. އެގޮތުން ކުރުމުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
މި ގާނޫނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވާފައިވާއިރު 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް އަދި ކަރެކްޝަނަލް މަރުކަޒެއް ގާޒިމް ކުރަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު އެ މަރުކަޒުތައް ހިންގުމުގައި ކުޑަކުދިންގެ ރައްކާތެރި ކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން އެކަން ކުރުމަށް އިސްކަން ދޭން ޖެހޭނެ ކަމަށާއި އަދި ޖެންޑާ މިނިސްޓްރީން އެ މަރުކަޒުތައް ގާއިމުކުރުމުގެ އިތުރުން އަމިއްލަ ފަރާތަކުން އެފަދަ މަރުކަޒެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ އެފުރުސަތު ދޭންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.
ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގޮތުގައި ދެވައްތަރެއްގެ މަރުކަޒެއް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެތެރެއިން އެއް ވައްތަރުގެ މަރުކަޒަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ. އަނެއް ވައްތަރުގެ މަރުކަޒަކީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެވެ. މިއީ ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭނަމަ ބަހައްޓަން ޖެހޭ މަރުކަޒެވެ.
މީގެއިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންނަށް ހާއްސަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމުކުރަން ވާނެ ކަމަށްވެސް ވަނީ ގާނޫނުގައި ބުނެފައެވެ. މިފަދަ މަރުކަޒުތަކުގައި ކުޑަކުދިން ބަހައްޓަން ޖެހޭނީ ފަހު ފިޔަވަޅެއްގެ ގޮތުގައެވެ.