ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީ ކުދިންނަށް ހާއްސަކޮށްގެން "ސެސަމީ ސްޓްރީޓް" ގެ ޝޯއެއް އަރަބި ބަހުން ތައާރަފުކޮށްފިއެވެ.
ސެސަމީ ވާކްޝޮޕްއާއި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރްސީ) ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އިންތިހާއަށް ނިކަމެތި ހާލުގައި އުޅެމުންދާ ސޫރިޔާގެ ރެފިއުޖީ ކުޑަކުދިންނަށް އިލްމީ ޕްރޮގްރާމްތަކެއް ފޯރުކޮށްދިނުމަށް، "އަހްލާން ސިމްސިމް" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހުއްޓުމަކަށް އައިސްފައިނުވާ ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން 12 މިލިއަނަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ހާލުގައި ތިބިއިރު، މީގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް އައިއާރްސީގެ ރެކޯޑްތަކުން ދައްކައެވެ.
ސްކޫލެއް ނެތް. އުނގެނުވޭކަށް ނެތް. މިނިވަންކަމެއް ނެތް
ސޫރިޔާގެ ކުޑަކުދިން ޖީލު ބޮޑުވަމުން އަންނައިރު ހިތުގައި ބިންވަޅު ނެގިފައިވަނީ ހަނގުރާމައާއި ތަޅާފޮޅުންތަކެއް އަނދިރި، ނަމާން މަންޒަރުތަކެވެ. ބައެއް ކުދިންނަކީ، އެކުދިންގެ މައިންބަފައިންނާ އެއްބަނޑު އެއްބަފާ ކުދިންނާ ގާތް އެކުވެރިން ލޯ ކުރިމަތީގައި މަރާލެވުނު ތަން ދުށް ކުދިންނެވެ.
ހަނގުރާމައިގެ ނަމާން ވެށިން އާއިލާތައް ހިޖުރަކުރާއިރު ކުދިންގެ ކިބައިން ނިގުޅައިވެނީ ހަމައެކަނި އަމިއްލަ ބޯހިޔާވަހިކަމެއް ނޫނެވެ. ޕާކުތަކާ ސިނަމާތައް އެކަންޏެއްވެސް ނޫނެވެ. ތައުލީމު ހާސިލުކުރުމުގެ އަސާސީ ހައްގުންވެސް އެކުދިން ވަނީ މަހްރޫމުވަމުންނެވެ.
އައިއާރްސީގެ ރައީސް އަދި ސީއީއޯ ޑޭވިޑް މިލިބޭންޑްގެ ވިދާޅުވީ އިންސާނީ އެހީގެ ގޮތުގައި ސޫރިޔާގެ ރެފިއުޖީންނަށް ލިބޭ ފައިސާއިން ތައުލީމަށް ހަރަދުކުރެވެނީ އެންމެ 2 ޕަސެންޓް ކަމަށެވެ.
މިލިބޭންޑް ވިދާޅުވާ ގޮތުގައި ރެފިއުޖީއަކަށްވުމަށްފަހު އެގޮތުގައި އެވަރޭޖުކޮށް 20 އަހަރުވަންދެން އެމީހަކު ދިރިއުޅެންޖެހެއެވެ. ވީއިރު، އިލްމު އުނގުނުމަށް އޮތް އަސާސީ އުމުރުފުރާ އޮންނާނީ ފަހަނައަޅާ ގޮސްފައެވެ.
އަހްލާން ސިމްސިމް
އަހްލާން ސިމްސިމް ނުވަތަ 'މަރުހަބާ ސެސަމީ'ގެ ފުރަތަމަ ސީޒަން ހާއްސަކޮށްފައިވަނީ އުމުރުން އެންމެ 3-5 އަހަރާ ދެމެދުގެ ކުދިންނަށެވެ. މެދުއިރުމަތީގައި މި ޝޯ ދައްކަން ފަށާނީ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުންވެސް މި ޝޯ ފެންނާނެ ކަމަށް ސެސަމީ ވާކްޝޮޕްއިން ބުނެއެވެ.
'އަހްލާން ސިމްސިމް' ފަރުމާކޮށްފައިވަނީ ރެފިއުޖީންގެ ދިރިއުޅުމާވެސް ގުޅުވައިގެން ކަމަށްވާއިރު، ސެސަމީ ސްޓްރީޓްގެ މަޝްހޫރު ކެރެކްޓާތައް ކަމަށްވާ 'ކުކީ މޮންސްޓާ'، 'އެލްމޯ' 'ގްރުވާ' ފަދަ ކެރެކްޓާތައްވެސް މި ޝޯއިން ފެންނާނެއެވެ.
އިލްމީ ޝޯއެއްގެ އިތުރުން، 'އަހްލާން ސިމްސިމް' ފަރުމާކޮށްފައިވަނީ ރެފިއުޖީ ކުދިންނަށް ކުރިމަތިލާންޖެހިފައިވާ ނަފްސާނީ ނުތަނަވަސްކަމުން އަރައިގަންނާނެ ގޮތްތައްވެސް ދަސްކޮށްދޭނެ ފިލާވަޅުތަކަކާއެކުގައެވެ.
އައިއާރްސީއިން ދަނީ 'ސެސަމީ ސްޓްރީޓް' ތީމަށް ހާއްސަކޮށްގެން ރެފިއުޖީ ކުދިންނަށް ކުލާސްތަކެއްވެސް ހިންގަމުންނެވެ.