އދ. މަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހާ ފެނުނީ ވަލުތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.
ހޯދަމުން ދިޔަ މީހާއަކީ 83 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ އިޝާ ނަމާދަށް ފަހު 9:35 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ފުލުހުންގެ ޓީމެއް މަންދޫއަށް ދިޔަ ކަމަށާއި އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މުންޑެއް ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ހޯދަމުން ދަނިކޮށް ރޭ 23:30 ހާއިރު ވަލު ތެރެއިން އެމީހާ ފެނުނު ކަމަށެވެ. އަދި އެމީހާ ފެނުނުއިރު ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެމީހާ ފެނުމުން، މަންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ޗެކަޕެއް ވެސް ހަދާފައެވެ.
އުމުރުން ދުވަސްވީ އެ މީހާ ވަލުތެރެއަށް ވަން ގޮތެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
މާލެއާއި ރަށްރަށުގައި މަދުން ނަމަވެސް މީހުން ގެއްލުމުގެ ހާދިސާތައް ހިނގައެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެ ދިޔަ ހައެއްކަ އަހަރުގެ ތެރޭގައި އެކި އެކި ގޮތް ގޮތުން ގެއްލިފައިވާ 260 އަށް ވުރެ ގިނަ މީހުން ވެއްޖެއެވެ.