ގދ. ތިނަދޫގައި ރޭ ހިންގި މާރާމާރީ އެއްގައި މީހެއްގެ އަތަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ 11:05 ހާއިރު ތިނަދޫގައި 25 އަހަރުގެ ފިރިހެނެއްގެ އަތަށް ދެމީހަކު ވެގެން ވަޅިން ހަމަލާދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އަނިޔާ ލިބުނު މީހާ ފުލުހުންގެ ވެހިކަލްގައި ޑރ. އަބުދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ 32 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.