ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވަކިކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 82 ވަނަ ބައްދަލު ވުމުގައެވެ. ޖޭއެސްސީން ބުނީ، ފަނޑިޔާރު ޣަނީ އާ ބެހޭ ގޮތުން އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ކުރައްވާފައިވާ ކަމަށް އެ ކޮމިޝަނަށް ފެންނާތީ ފަނޑިޔާރު ކަމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަަމަށެވެ.

އެ ކޮމިޝަނުން ބުނީ، ފަނޑިޔާރު ޣަނީގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ފަނޑިޔާރުކަމުގެ މަގާމް އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށެވެ.

މީގެ އިތުރުން، ފަނޑިޔާރު ޣަނީއާ ބެހޭ ގޮތުން އެ ޖޭއެސްސީން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ، ފަނޑިޔާރު ޣަނީ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރު ކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް އެ ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަނީ މިދިޔަ ހޯމަ ދުވަހު ވަކިކޮށްފައެވެ. އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުންގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އަދި މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ހުށަހެޅުން ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް އިއްވާ ވަނީ ބަހުސްކޮށްފައެވެ. އަދި ވޯޓުން ފާސްވުމުން އެ ދެބޭފުޅުން ވަނީ މަގާމުން ވަކިވެފައެވެ.

މި ދެ ފަނޑިޔާރުން ވަކި ކޮށްފައި ވާއިރު ކުރިން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކި ކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައިވާ އިރު، ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ އަރީފްއާ ހަވާލުކޮށްވާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަބްދުﷲ އަރީފް މިއަދު ވަނީ ރިޓަޔާ ކުރައްވައިފައެވެ. އެހެންކަމުން އެ ކޯޓުގެ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާ ހަވާލުކޮށްފައެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސްޕްރީމް ކޯޓުގެ ބެންޗަށް މިހާ ބޮޑެތި ބަދަލުތައް ގެންނަ އިރު މިހާރު ބެންޗުގައި ތިއްބަވަނީ، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.