ރާއްޖޭގެ ސުޕްރީމްކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރަށް ހަވާލުކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ސްޕްރީމް ކޯޓު ހިންގަން އަންހެން ފަނޑިޔާރަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
އުއްތަމަފަނޑިޔާރު ކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައިވާ އިރު، ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ އަރީފްއާ ހަވާލުކޮށްފައެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ އަރީފު ވަނީ ރިޓަޔާ ކުރެއްވުމަށް ނިންމަވާފައެވެ. އަރީފު ރިޓަޔާ ކުރައްވަން ނިންމެވި މި ދަނޑިވަޅަކީ، އޭނާއާ ބެހޭ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން ދާ ދަނޑިވަޅެކެވެ. އަރީފު ރިޓަޔާ ކުރެއްވުމުން އެ މައްސަލަތައް އިތުރަށް ބަލާނެ ކަމެއް ނުވަތަ ނުބަލަ ދޫކޮށްލާނީ ކަމެއް ޖޭއެސްސީން ބުނެފައެއް ނުވެއެވެ.
މިރޭ ޖުޑިޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގައި ބޭއްވި އެ ކޮމިޝަނުގެ 82 ވަނަ ބައްދަލުވުމެއްގައި، އެ ކޮމިޝަނުން ވަނީ ސުޕްރީމްކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާ ހަވާލުކުރުމަށް ނިންމާފައެވެ.
ޑރ. އަޒްމިރަލްޑާ ޒާހިރު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކާޑިފް އަދި ޔުނިވާސިޓީ އޮފް ޕޯޓްސްމައުތުންނެވެ. އަދި ބައިނަލްއަގުވާމީ ފިކުރީ މުދަލާ ބެހޭ ގާނޫނުން ޔުނިވާސިޓީ އޮފް އެގްޒެޓާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.
ސްޕްރީމް ކޯޓު ހިންގުން އަޒްމިރަލްޑާއާ ހަވާލު ކުރި އިރު، މިހާރު އެކޯޓުގައި އަލަށް އައްޔަން ކުރި ދެފަނޑިޔާރުން ތިބޭނެއެވެ. އެއީ، އައިޝާ ޝުޖޫން މުހައްމަދާއި، މަހާޒު އަލީ ޒާހިރެވެ.
ރިޓަޔާ ކުރައްވަން ނިންމެވި އަރީފް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ ސެޕްޓެމްބަރު 18، 2008 ގަ އެވެ. އަރީފް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، 2010 އިން 2014 އަށް ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔަރުކަމާއި، 2005 އިން 2008 އަށް ޖިނާއީ ކޯޓުގެ އިސް ގާޒީކަމާއި 1998 އިން 2005 އަށް އެކޯޓުގެ ގާޒީކަން ހިމެނެ އެވެ.
ސްޕްރީމް ކޯޓު ބެންޗުން ފަނޑިޔާރު އާދަމް މުހައްމަދުވެސް ވަނީ ވަކި ކޮށްފައެވެ.