ފީނަން ގޮސްއުޅުނު ޖަރުމަނު ފަތުރުވެރިއެއް މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ޖަރުމަނު މީހާ މަރުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު ފަހު 15:25 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އޭނާ މަރުވި ކަމަށް ބުނެފައިވަނީ، ފީނަށް ގޮސް މައްޗަށް އެރިފަހުން ކަމަށެވެ. އޭނާ އަކީ އއ. ސަފާރީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފިރިހެނެކެވެ.

މި ހާދިސާގައި އޭނާ އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް ރާއްޖެއަށް އަންނަ ފަތުރުވެރިން މަރުވާ މައްސަލަ ގިނަވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުވެސް ވަނީ އިނގިރޭސިވިލާތުގެ 69 އަހަރުގެ އަންހެނަކު ގެނބިގެން މަރުވެފައެވެ. މި މަހުގެ 4 ވަނަ ދުވަހު ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު ވަނީ ފުވައްމުލަކުން ވެސް މަރުވެފައެވެ. އަދި މި މަހުގެ 3 ވަނަ ދުވަހުގެ ހަވީރު ދ. ކުޑަހުވަދޫ ކައިރިން މަސްބާނަން ނިކުމެ އުޅުމުގެ ތެރޭގައި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ސްވިޑްން ފަތުރުވެރިޔަކު ވެސް ވަނީ މަރުވެފައެވެ.