ޑރ. އަފްރާޝީމްގެ އަލީގެ ރިޕޯޓުގައި ސަލަފުގެ ނަން ހިމަނާފައި ވަނީ، އެމްޑީއެން ފަދަ ޖަމިއްޔާތަކާއި، އެފަދަ ފިކުރުތަކަށް އޮތް ހުރަކަށް ސަލަފު ވާތީ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ސަލަފު ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ޑރ. އަފްރާޝީމްގެ މަރާއި އެ ޖަމިއްޔާއާ އެއްވެސް ގުޅުމެއް އޮތްކަމަށް މަރު ކޮމިޝަނުން ރިޕޯޓުގައި ނެތަސް، އެ ރިޕޯޓުގައި ހީލާތްތެރި ގޮތަކަށް ސަލަފް ޖަމިއްޔާއާއި އަދި އެ ޖަމިއްޔާގެ ބައެއް އިލްމުވެރިންގެ ނަން ހިމަނާފައިވާ ކަމަށެވެ. އެފަދައިން އެކަން ކުރުމުގެ ބޭނުމަކީ، ރާއްޖޭގައި ބަޔަކު ކުރިއަރުވައި ހިންގަން ބޭނުންވާ "ސެކިއުލާ، ލާދީނީ" އެމްޑީއެން ފަދަ ޖަމިއްޔާތަކާއި އެ ޖަމިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކީ ސަލަފު ޖިމިއްޔާ ކަމުގައި އެ ބަޔަކު ގަބޫލު ކުރާތީ ކަމަށެވެ. އަދި އެފަދައިން އެ ރިޕޯޓުގައި އާންމު ކުރުމުގެ ފަހަތުގައި ވަނީ ޒަމާނުއްސުރެ އެ ޖަމިއްޔާއާ މެދު ބައެއް ސިޔާސީ ބޭފުޅުންގެ ހިތްތަކުގައިވާ ނަފްރަތު ކަމުގައި ސަލަފުން ދެކޭ ކަމަށްވެސް ބުނެފައި ވެއެވެ.

ހަމައެއާއެކު، އެއީ އެ ޖަމިއްޔާއާއި އެ ޖަމިއްޔާގެ އިލްމުވެރިންގެ އަގު ވައްޓާލުމަށް ކުރި ކަމެއް ކަމަށާއި، އެޖަމިއްޔާއިން ދެމުންދާ މަދަނީ އަދި އިޖްތިމާއީ ހިދުމަތްތަކަށް ހުރަސް އެޅުމަށް ދިން ހީލާތްތެރި ހަމަލާއެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި އެއީ ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ވައުދު ފުއްދުމެއް ކަމުގައި ވެސް ސަލަފުން ވަނީ ސިފަކޮށްފައެވެ.

އެ ޖަމިއްޔާގެ ހަރަކާތްތަކާއި އެ ޖަމިއްޔާގެ އިލްމުވެރިން ދީފައިވާ ދަރުސްތަކަކީ ޓީވީތަކާއި ރޭޑިއޯތަކުގައި ރެކޯޑިންގް ހުންނާނެ އެއްޗެހިކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނެފައިވަނީ އެއިން އެއްވެސް ކަމެއްގައި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރަކަށް ބާރުދީފައި ނުވާކަން ފާހަގަވާން ހުންނާނެ ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި ބާރު ހުރި ބަޔަކު އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރާ ކަމަށާއި އެއީ ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް ކަމަށާއި އެކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައި ސަލަފުން ބުނެއެވެ.

ރައްޔިތުން ދީނީގޮތުން ހޭލުންތެރި ކުރުވުމަށާއި ރާއްޖޭގެ އިސްލާމީ ވެށި ސެކިއުލާ ފިކުރުތަކުން ރައްކާތެރިކުރުމަށް ކުރާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކުރާ މަސައްކަތުގެ އަގު ވައްޓާލައި، ކުރަމުންދާ މަސައްކަތް ތަކަށް ހުރަސް އަޅާތީ، އެކަން އެގޮތަށް ނުކުރުމަށް މަރު ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހަށް އެ ޖަމިއްޔާއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދިސެކިއުލާ ފިކުރުތަކާއި، ދީނީ ގޮތުން ހައްދުފަހަނަ އެޅުމުގެ އަމަލުތަކާއި، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ދީނީ އިލްމުވެރިންނާއި ކަމާބެހޭ މުއައްސަސާތަކުގެ ލަފަޔާއި އިރުޝާދާ އެކު މަސައްކަތް ކުރުމަށްވެސް އެ ޖަމިއްޔާއިން ނަސޭހަތްތެރިވެއެވެ.