20 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހަކީ ރާއްޖޭގެ އުތުރުން ދެކުނަށް ހިންގާ ހުރިހާ ސްކޫލެއްގެ ދީރާސީ އަހަރުގެ ކިޔެވުން ނިންމާ، ފާއިތުވި އަހަރުގެ ނަތީޖާތަކާއެކު ހުރިހާ ދަރިވަރުންގެ ރަސްމީ ރިޕޯޓް ފޯމު ލިބޭ ދުވަހެވެ. ޒަމާނާ ސިޔާސަތަށް އައިސްފައިވާ ބަދަލުތަކާއެކު ފޮތެއްގެ ސިފާގައި ރިޕޯޓް ނުލިބި، ސެޓްފިކެޓާ އީ-ރިޕޯޓްގެ ގޮތުގައި ދަރިފުޅުގެ ނަތީޖާތައް ބަލާލުމުގެ ފުރުސަތު ފަހިވެފައިވާއިރު، މި ދުވަހަކީ ބައެއް ކުދިންނަށް އުފާވެރި އަދި އަނެއްބައި ކުދިންނަށް ބަނަ ދުވަހަކަށްވެދެއެވެ.

ހަނދާނުގައި ބަހައްޓަންވީ ކޮންމެ ކުއްޖަކީ 1 ވަނަ ގެންނަ ކުއްޖަކަށް ނުވެދާނެ ކަމެވެ. ނުވަތަ ވަކި މީހެއްގެ ދަރިއަކު ގެނައި ފަދަ ތަރިތަކެއް ތިބާގެ ދަރިފުޅަށް ނުލިބިދާނެ ކަމެވެ. ދަރިފުޅު ދަށް މާކްސްތަކެއް ގެނައިތީ އެދަރިފުޅު ހިތްދަތިވެދާނެ ތީ ޓީޗަރުންނާ އެކުވެރިން ގޯސްކުރަން ނުހަދާށެވެ. ނުވަތަ އެ ދަރިފުޅަށް އިތުރު އަނިޔާތަކެއް ނުދޭށެވެ. ރިޕޯޓްގެ ނަތީޖާ ކޮންމެ ގޮތަކަށް ދެއްކި ކަމުގައި ވީ ނަމަވެސް، މިއީ އާ ފެށުމެއް ކަމުގައި ދެކޭށެވެ.

ދަރިފުޅާ ތިބާ، ފާއިތުވީ ދިރާސީ އަހަރު ހޭދަކުރި ގޮތަށް މާޒީގެ ސޮފުހާތައް އުކަންވީ ދުވަހަކީ މިއީއެވެ. ކަންކުރެވުނު ގޮތް ވިސްނާ، އެކަން ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރަން މިއަށްވުރެ މުނާސަބު ވަގުތެއް ނެތެވެ. އެކުއްޖާއަށް ބޭނުންވާ އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދޭންވީ ވަގުތަކީވެސް މިއީއެވެ.

ރަނގަޅު ކަންކަމަށް ސަމާލުކަން ދިނުން

އަބަދުވެސް އަނެކުންގެ ރަނގަޅު ވާހަކަދައްކަން ބާރުއަޅާއިރު، ދަރިފުޅުގެ ރިޕޯޓް ކާޑުން ފެންނަ ރަނގަޅު ކަންކަން ފާހަގަކޮށްދޭށެވެ. އެއީ ކުރިން ކަނޑައެޅި އަޒުމަށް އިލްމީ ނަތީޖާއިން ވާސިލުނުވެވި ހުރި ކުއްޖަކަށް ލިބޭނެ ހާދަ ބޮޑު ހިތްވަރެކެވެ. އިލްމީ ނަތީޖާއިން ރަންތަރި ނުލިބުނެއްކަމަކު އެ ދަރިފުޅަކީ ގަވައިދުން ސްކޫލަށް ދިޔަ ކުއްޖެއް ނަމަ އެފަދަ ކަންތައްތައް ފާހަގަކޮށްދޭށެވެ. ކިތަންމެ ކުޑަނަމަވެސް އެއީވެސް މުހިންމު ހަރުފަތެކެވެ. މުސްތަގުބަލުގައި އެ ދަރިފުޅު ވަޒީފާގެ މައިދާނަށް ނިކުންނައިރު ހާޒިރިއަކީވެސް ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން މައިންބަފައިންވެސް ހަނދާން ބަހައްޓާށެވެ. ދަރިފުޅާ ވާހަކަދައްކާ، އަޑުލާ ހަދަންވީ އެ ދަރިފުޅަށް ހާސިލުނުވި ކަންކަމަކާ ނޫންކަން ހަނދާނުގައި ބަހައްޓާށެވެ.

ރަނގަޅު ސުވާލު ކުރޭ

ދަރިފުޅުގެ ރިޕޯޓް ފޯމުގައި އާދަޔާ ހިލާފަށް ދަށް ގުރޭޑްތަކެއް ހުރެދާނެކަން ގަބޫލުކުރާށެވެ. ނުވަތަ ތިބާގެ އުއްމީދުތަކާ އެއް ހަމައަށް އެ ދަރިފުޅަށް ފައި ހަމަ ކުރެވިފައި ނުވެދާނެކަންވެސް ގަބޫލުކުރަށެވެ. ވަކި ދާއިރާތަކަކުން ދަރިފުޅު އެހާ ބޮޑަށް ދަށްވީ ކީއްވެތޯ ސުވާލުކުރާއިރު އެ ސުވާލުތައް ބައްޓަން ކުރާ ގޮތާ މެދު ސަމާލުވާންޖެހެއެވެ.

މާޔޫސްވެފައި ހުރި ފުރާވަރުއުމުރުގެ ފިރިހެން ކުއްޖެއް/ފޮޓޯ: އަންޑާސްޓޫޑް

އެއްވެސް ހާލެއްގައި މިއުޅެނީ ތަހުގީގެއް ހިންގާ، ޖީނާއީ އަދުލުގެ ތެރެއިން ހުކުމެއް ތަންފީޒު ކުރާކަށް ނޫންތާއެވެ. މިގޮތުން ދަރިފުޅާ ކުރެވިދާނެ ބައެއް ސުވާލުތައް ހިއްސާކުރާނަމެވެ.

  • ކުލާހުގައި ދިން މަސައްކަތްތައް ދަރިފުޅަށް މާ އުނދަގުލީ ހެއްޔެވެ؟ ފަހުމް ވާން އުނދަގޫ ވީ ހެއްޔެވެ؟ އިމްތިހާން އުނދަގޫވީ ހެއްޔެވެ؟
  • ކުލާހުގައި ފިލާވަޅު ނަގައިދެމުންދިޔަ ދުވެލި ދަރިފުޅަށް މާ ހަލުވީ ހެއްޔެވެ؟ ކުލާސް ދާ ގޮތް ފޫހީ ހެއްޔެވެ؟ ވަކި ދާއިރާތަކަކަށް ޝައުގު ނެތީ ހެއްޔެވެ؟
  • ކުލާހުގައި އިންނަ ވަގުތު އުފެދޭ ސުވާލުތައް ޓީޗަރަށް ހުށަހަޅަން ހެއްޔެވެ؟ އެކަމާ ފަސްޖެހެނީ ހެއްޔެވެ؟

މިއީ، ދަރިފުޅުގެ ޖަވާބުން ގިނަ ކަންތައްތަކެއް އަންގައިދޭނެ ސުވާލުތަކެކެވެ. ދަރިފުޅުގެ ކިޔެވުމުގެ ވައްޓަފާޅިއަށް ގެންނަންވީ ބަދަލުތަކެއްވެސް މިކަމުގެ ތެރެއިން ފާހަގަކުރެވޭނެއެވެ. ދަރިފުޅު ބުނެލާ އެންމެ ޖުމުލައަކުންވެސް އެތައް ކަމެއް ދޭހަވެގެން ހިނގައިދާނެއެވެ.

މިހާ ހިސާބުން މައިންބަފައިންނާ ބެލެނިވެރިން ވިސްނަންވީ އެހެން ކަމެއް އެބައޮތެވެ. އިތުރު އުނދަގުލަކާ ނުލާ ކިޔަވާނެ ފުރުސަތު ދަރިފުޅަށް ފަހިކޮށްދެވޭތޯ އަމިއްލަ ނަފުސާ ސުވާލު ކުރަންޖެހެއެވެ. ތިބާއަށް އެކަން ކޮށްދެވޭ ކަމަށް ހީވާނަމަ، ގޭތެރޭގައި ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައި އޮތީ އެންމެ ރަނގަޅަށްތޯ ދަރިފުޅު ކުރެ އަހާ އޮޅުން ފިލުވާށެވެ. ތިބާއަށް ފަސޭހަ ގޮތަކީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ.

ދެން އޮތް ފިޔަވަޅު

ކުރިއަށް އޮތީ 2 މަހެއްހާ ދުވަހުގެ ޗުއްޓީއެކެވެ. ލިބުނު ނަތީޖާއާއި މެދު ހިތްހަމަ ނުޖެހުމަކީ އެ ޗުއްޓީގެ އުފާވެރިކަން ދަރިފުޅަށް ލިއްބައި ނުދޭންވީ ސަބަބެއް ނޫނެވެ. މިއީ މުހިންމު ޕްލޭންތައް ކުރަންވީ ވަގުތެވެ. އިލްމީ ރޮނގުންނާ އިޖުތިމާއީ ރޮނގުން ދަރިފުޅު ހަރުދަނާ ކުރުމަށް އާއިލާ އެކުގައި މަޝްވަރާކޮށް، އެޅެންހުރި ފިޔަވަޅުތައް ދެނެގަންނަންވީ ވަގުތެވެ. ސިކުނޑި ތާޒާކުރަންވީ ވަގުތެވެ.

ޗައިނާގެ ޑިޓެންޝަން ސެންޓަރެއްގައި އަދަބު ލިބިގަންނަމުންދާ ޖިނާއީ ކުށްވެރި ކުދިންތަކެއް އޮފިސަރަކާއެކު/ފޮޓޯ: ގެޓީއިމޭޖަޒް

ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިއަށް އެދޭނީ އެންމެ ހެޔޮ ގޮތެވެ. މީގެ މާނަކީ އޭ ސްޓާތަކުން ރިޕޯޓް ކާޑު ފުރާލުން ކަމުގައި ދެކިގެން ނުވާނެއެވެ. ބައެއް ކުދިންނަކީ އިލްމީ ކުރިއެރުމަށްވުރެ އިޖުތިމާއީ އަދި ފަންނުވެރި ކަމަށް އަރާ ހުރި އޭ ސްޓަރުންނަށްވެސް ވެދާނެއެވެ.

ދަރިފުޅު ކުރި މަސައްކަތުގެ އަގު ވަޒަންކުރާށެވެ. ކުރިއަށް އޮތްތަނުގައިވެސް އިތުރު ކުރިއެރުންތައް ހޯދުމަށް ހިތްވަރު ދީ، އުއްމީދު އާ ކޮށްދޭށެވެ. ޅަ ސިކުނޑިތަކަށް ބޭނުންވަނީ އޯގާތެރި ބަސްތަކެކެވެ. ހަމްދަރުދީއާއި ލޯތްބާ އަޅާލުމެވެ. އެއިރުން ކާމިޔާބުގެ ދަޅުދަނޑީގެ ބޭނުން ކުރަން ދަރިފުޅަށް ދަސްވުން އޮންނާނީ މާ ދުރަކު ނޫނެވެ.