ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖްއާއި ދެކޮޅަށް ސްވީޑްންއިން އުފުލި ރޭޕްގެ ދައުވާ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް އެގައުމުގެ ޑެޕިއުޓީ ޗީފް ޕްރޮސެކިއުޓާ އީވާ-މޭރީ ޕިއާސަން ވިދާޅުވެއްޖެއެވެ.

އީވާ-މޭރީ ވިދާޅުވީ، އަސާންޖްއާއި ދެކޮޅަށް ދައުވާކުރާ ފަރާތުން ހުށަހެޅި ހެއްކަކީ ސާބިތު ހިފޭ، ސައްހަ ހެކި ކަމަށާ، ނަމަވެސް އެ މައްސަލައަށް 10 ވަރަކަށް އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް މީހުންގެ ހިތުގައި ހުރި ހާދިސާގެ ސީދާ ހަނދާން ބަލިވުން ފަދަ ހާލަތްތައް މެދުވެރިވެފައިވާކަމަށެވެ.

އޮސްޓްރޭލިއާ އުފަން އަސާންޖް ވަނީ އޭނާއާއި ދެކޮޅަށް 2010 ވަނަ އަހަރު ފެންމަތިކުރި ރޭޕްގެ ދައުވާއަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ.

ރޭޕްގެ މައްސަލާގައި އަސާންޖްއާއި ދެކޮޅަށް އުފުލި ދައުވާ ކުރިއަށް ނުގެންދާ ގޮތަށް ނިންމި ކަމުގައި ވީ ނަމަވެސް، އެމައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އީވާ-މޭރީ ވަނީ ހާމަކުރައްވާފައެވެ.

އުމުރުން މިހާރު 48 އަހަރު ފުރިފައިވާ އަސާންޖްއަކީ، އެމެރިކާގެ ސަރުކާރަށް ފާރަލާ، ސިއްރު މައުލޫމާތުތަކެއް ބައިނަލްއަގުވާމީ މުޖުތަމައަށް ލީކުކޮށްލި ކަމުގެ ކުށުގައި އެމެރިކާއިން 18 ޖިނާއީ ދައުވާއެއް އުފުލާފައިވާ މީހެކެވެ. އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯ އެމްބަސީގައި ގިނަ ދުވަސްތަކެއް ވަންދެން ހިމާޔަތް ހޯދަމުންދިޔަ އަސާންޖަށް އެ ފުރުސަތު ގެއްލި މަގުމަތިވުމުން، އޭނާ މިހާރު ހުރީ އިނގިރޭސިވިލާތު ފުލުހުންގެ ބެލުމުގެ ދަށުގައި، ޖަލު ބަންދުގައެވެ.

އެމެރިކާއިން އަސާންޖްއާއި ދެކޮޅަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އޭނާ އެމެރިކާއަށް ބަދަލުކުރުމުގެ މައްސަލާގައި ކުރިއަށް ގެންދާ އަޑުއެހުން ތާވަލު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހަށެވެ. އެހާ ދުވަހާ ޖެހެންދެކަށްވެސް އަސާންޖު ހުންނަންޖެހެނީ އިނގިރޭސިވިލާތުގެ ޖަލުގައެވެ.