ދިވެހިރާއްޖޭގެ ކަނޑުގެ ވެއްޓާ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ހިނގިދާނެ އެކި މަޝްރޫއުތަކާ ބެހޭ ގޮތުން، އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ޑރ ފަރަހަނާޒް ފައިސަލް، ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުންނާ މަޝްވަރާކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން މައުލޫމާތު ދޭ ގޮތުގައި ޑރ ފަރަހަނާޒްވަނީ ރޮނގުން، ބޭރުގެ 6 ތަޖުރިބާކާރަކާ މަޝްވަރާކުރައްވާފައެވެ. ޑރ ފަރަހަނާޒް މަޝްވަރާކުރެއްވި ބައެއް ތަޖުރިބާކާރުންނަށް ބަލާއިރު ޔުނިވާސިޓީ އޮފް ސެއިންޓް އެންޑްރޫޒްގެ ޑައިރެކްޓާ އޮފް ދަ ސީ މެމަލް ރިސާޗް ޔުނިޓްގެ ޕްރޮފެސާ އެއިލްޝާ ހޯލް ފާހަގަކުރެވެއެވެ. ޕްރޮފެސާ އެއިލްޝާއާއި ޑރ ފަރަހަނާޒް މަޝްވަރާކުރައްވާފައިވަނީ ކަނޑުތަކުގައި އުޅޭ މަންމަލި ޖަނަވާރު ހިމާޔަތް ކުރުމާ ގުޅޭ ގޮތުންނާ، މި ރޮނގުން ޕްރޮފެސާ އެއިލްޝާ ހައްދަވާފައިވާ ދިރާސާ ރާއްޖެ ގެނައުމާ ބެހޭ ގޮތުން ކަމަށް އެމްބަސީއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޑރ ފަރަހަނާޒް ވަނީ ސްކޮޓިޝް އޯޝަން އިންސްޓިޓިއުޓްގައި ޕްރޮފެސާ އެންޑްރޫ ބްރައިލީ ކުރިއަށް ގެންދަވާ ޝާކް މެޕިންގްގެ ދިރާސާ ބައްލަވާލައްވާފައެވެ. ޕްރޮފެސާ ބްރައިލީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގުދުރަތީ ދިރުންތަކާ ބެހޭ ދިރާސާ ހައްދައްވާ ތަޖުރިބާކާރަކަށްވާއިރު، ދިވެހިރާއްޖޭގައި ޕްރޮފެސާ ބްރައިލީއާއިއެކު ކުރިއަށް ގެންދެވިދާނެ މަޝްރޫއުތަކާ ބެހޭ ގޮތުން 2 ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހަމަ މިއާއެކު ޑރ ފަރަހަނާޒް ވަނީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ބޮޑުމަހުގެ އާބާދީ ޓްރެކް ކުރުމުގެ މަޝްރޫއަކާ ބެހޭ ގޮތުން ސްކޮޓިޝް އޯޝަން އިންސްޓިޓިއުޓްގެ ރިސާޗް ފެލޯއެއް ކަމަށްވާ ޑރ އެލެން ގާލަންޑްއާއިވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
ސްކޮޓިޝް އޯޝަން އިންސްޓިޓިއުޓްއަކީ ކަނޑުގެ ދިރުންތަކާ ކަނޑުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އެންމެ ފަހުގެ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގިނަ ދިރާސަތަކެއް ކުރަމުންދާ މުއައްސަސާއަކަށްވާއިރު، ޑރ ފަރަހަނާޒްވަނީ މި ރޮނގުން އެ މަރުޖަޒުގައި ކުރިއަށް ގެންދާ ބައެއް ދިރާސާތައްވެސް ބައްލަވާލައްވާފައެވެ. އެގޮތުން މި ރޮނގުން ޑރ ފަރަހަނާޒް ބައްދަލުކުރެއްވި ބައެއް ތަޖުރިބާކާރުންގެ ތެރޭގައި ޕްރޮފެސާ ޑޭވިޑް ޕެޓަސަން، ޕްރޮފެސާ އޮސްކާ ގެޖޯއްޓި ހިމެނިވަޑައިގަންނަވައެވެ.
މީގެ އތުރުން، ދެމެހެއްޓެނިވި މަސްވެރިކަމަކަށް މަގުފަހި ކުރުމަށްޓަކައި މަސްބޯޓުތަކުގައި ހަރުކުރާ ޒަމާނީ ޓްރެކިންގް ނިޒާމާބެހޭ ގޮތުން، ރާއްޖޭގައި ހިންގިދާނެ މަޝްރޫއުތަކުގެ މަޝްވަރާތަކެއް، މެރިން އެލާޔަންސް ފޮ ސައިންސް އެންޑް ޓެކްލޮނޮލޮޖީގެ ފޮ ސޮކްޓްލަންޑްގެ އޮޕަރޭޝަންސް ޑައިރެކްޓަރު ޑރ މާކް ޖޭމްސްއާއިއެކު ޑރ ފަރަހަނާޒް ކުރިއަށް ގެންދެވި ކަމަށްވެސް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއިން މައުލޫމާތު ދެއެވެ.