މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރިޔަށް ގެންދިޔަ ތަހުގީގުގައި ހިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ ތެރޭގައި ހިމެނުނު އެމްއެންޑީއެފްގެ މޭޖާރެއްގެ މަގާމުގައި ހުންނެވި ނަވީން ޒުބައިރަށް މިއަދު ޕްރޮމޯޝަން ދީފިއެވެ.

ނަވީމް ޕްރޮމޯޓު ކޮށްފައިވަނީ މޭޖަރެއްގެ މަގާމުން ލެފްޓިނެންޓު ކާނަލްއަކަށެވެ.

އޭސީސީގެ ރިޕޯޓުގައި ނަވީނަށް 100،000 ޑޮލަރު ޖަމާވި ކަމަށް ބުނެފައިވެއެވެ. އެ ފައިސާ އޭނާއަށް ޖަމާކޮށްފައިވަނީ ހިޔާނާތުގެ ފައިސާ ތަފާތު އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޓްރާންސްފާ ކޮށްފައިވާ އެސްއޯއެފްގެ އެކައުންޓުންނެވެ. އޭސީސީގެ މި ރިޕޯޓު ފެބްރުއަރީ މަހު ނެރުނުއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތުމުން މި މައްސަލައާ ގުޅިގެން ނަވީން ސަސްޕެންޑުވެސް ކުރިއެވެ.

އެހެންނަމަވެސް ފަހުން އޭނާގެ ހިޔާނާތުގެ މައްސަލައެއް ނެތް ކަމަށްބުނެ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އަނބުރާ ވަޒީފާއަށް ނެރެފައެވެ. އެމްއެންޑީއެފްއިން މިކަމާއި ގުޅިގެން އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ހިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި އެމްއެންޑީއެފް އޮފިސަރުންނާއި ފުލުހުންގެ އިސް އޮފިސަރުންވެސް ހިމެނެއެވެ. އަދި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި މި ސަރުކާރުގެ އިސްވެރިންތަކެއް ވެސް ހިމެނެއެވެ.