ހުޅުމާލެ ހޮޓަލެއްގައި 12 މީހަކު ރާ ބޮއެ ޕާޓީ ކުރަން ތިއްބާ އަތުލައިގެންފިއެވެ. ފުލުހުން ބުނީ އަތުލި މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި 11 ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރު ކުރީ މިރޭ 8 ޖަހާކަން ހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަޕްރެސް"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާއަކީ ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އެވެ.

މަލް އަކީ، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ޓްރިފިކް ކުރުމާއި ކެނަބިސް ބޭނުން ކުރުމުގެ މައްސަލައެއްގައި މިހާރުވެސް ދައުވާ ކޮށް ޝަރީއަތް ހިނގަމުންދާ މީހެކެވެ.

މިރޭ ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަ ނުކުރި ނަމަވެސް، އޭނާއާ އެކު ހައްޔަރު ކުރީ މުޅިންވެސް ޒުވާނުންކަން ވަނީ އެނގިފައެވެ. އަދި މިމީހުން ހައްޔަރު ކުރީ ހުޅުމާލޭގައި ހުންނަ ހޮޓެލް 78 ކަން ވެސް ވަނީ އެނގިފައެވެ.