ލާއިންސާނީ އަމަލުތައް ހުއްޓުވުމާއި ބެހޭގޮތުން އދގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އެންޑް އަދާ ކްރުއަލް، އިންހިއުމަން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް ޕްރޮފެސާ ނިލްސް މެލްޒާ އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ރާއްޖެއިން އަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ލާއިންސާނީ އަމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި، އޭނާ ވަނީ އދގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އދގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އެންޑް އަދާ ކްރުއަލް، އިންހިއުމަން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް ޕްރޮފެސާ ނިލްސް މެލްޒާ އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ނަޝީދާ ހިއްސާކުރެއްވިއެވެ. އަދި، ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުން ތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އާއި އަމީން އާއްމު ފާތިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.