ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ އަދި އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ބެހޭ މައުލޫމާތުތައް ހޯދުމަށް ކޮމިޓީން ނިންމާފައިވަނީ އިމިގްރޭޝަނާއި ފުލުހުން އަދި އެހެން ބައެއް އިދާރާތަކަށް ސިޓީ ފޮނުވައިގެންނެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ސަބްކޮމިޓީއެއް މިއަދު އެކުލަވާލާފައި ވާއިރު، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހުށަހަޅާފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ބެހޭގޮތުން މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭޭ ގޮތުން ޖުމްލަ ހަތް ކަމެއް ބެލުމަށެވެ. އެ ކަންތައްތަކުގެ ތެރޭގައި ރިޕޯޓުގައި ބުނެފައިވާ ފަދަ ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި އިންތިޒާމްވެފައިވާ ގޮތް ހަރަކާތްތެރިކަން ހުރި މިންވަރު ދެނެގަތުންމާއި، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ފައިސާ ބަދަލުކޮށްފައިވާ މިންވަރާއި ފައިސާ ބަދަލުވެފައިވާ ގޮތް ދެނެގަތުން އަދި ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ލިސްޓްކޮށް އެ ޖަމާއަތްތަކާ ދެކޮޅަށް ގާނޫނުގައިވާ ފިޔަވަޅު އެޅުން ހިމެނެއެވެ.
މީގެ އިތުރުން، ޑރ. އަފްރާޝީމް އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބި ތިބެ، ސިއްރުކޮށްފައިވާ މީހުންނަކީ ކޮބައިކަން ދެނެގަތުމާއި، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގި އިރު ފުލުހުން އެކަމުގައި އިހުމާލުވެފައިވޭތޯ އަދި އިހުމާލު ވެފައިވާ މިންވަރު ބެލުމުގެ އިތުރުން، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ރިޕޯޓުގައި ބުނެފައިވާ މީހުން މިހާރު ކޮބައިތޯ ބެލުން އަދި އެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމަށް ވެސް މަޖިލިސް ކޮމިޓީން ވަނީ ނިންމާފައެވެ.
2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ އަނިޔާވެރިކަމާއެކު ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ހަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރެއްވުމާއި ގުޅިގެން ރައީސް ސޯލިހު އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެމައްސަލަ ބެލުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ.
އެ ރިޕޯރޓަށް ބަލާއިރު އެކަމުގައި ވަށައިގެން އެއުޅޭ މީހުންނަކީ ނުރައްކާތެރި ގައުމަށް ހުރި ބިރެއްކަން ފާގަވޭ. އަދި އެ އެންމެން ހިފައި ހައްޔަރުކުރަންެޖެހޭ، މިއީ މިދުނިޔޭގައި އޮތް ހަމައެކަނި އިސްލާމީ ފަޚުރު، އެގޮތުގައި އެކަން ދަމަހައްޓަންޖެހޭނެ. މީހުންގެ ލެއާއި މުދާ ހުއްދަކޮށް އަދި ދީނީ ބޮޑެތި ހަރާމްކަންތައްކޮށްގެން ފައިސާ ހޯދުން ހުއްދަ ކުރާ ސެލްތަކެއް މި ރާއްޖޭގައި އެޮވެގެންނުވާނެ.