ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފެނާއިި ނަރުދަމާގެ ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި ފެނާއި ނަރުދަމާގެ ބިލެއް އޭޖީ އޮފީހުން ރައީސް އޮފީހަށް ހުށަހެޅީ، ހަތް މަގުސަދެއް ހާސިލުކުރުމަށެވެ.

ފެނާއި ނަރުދަމާގެ ބިލު

  • ސިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުން
  • ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ހިމާޔަތްކުރުމާއި، ތަރައްގީކުރުމާއި، އޭގެ މންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރުން
  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި އެކަން ކަށަވަރުކުރުން
  • ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުން
  • ފެނާއި ނަރުދަމާގެ ހިދުމަތާއި، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން
  • ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލާ އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުން
  • ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަސްތުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރުން

ފެނާއި ނަރުދަމާގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ސަރުކާރު އައި ފަހުން 33 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.