ފަނޑިޔާރުކަމުން ވަކިކޮށްފި ނަމަ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދޭ ހައްގުތަކުން މަހުރޫމްކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ފަނޑިޔާރު އާދަމް މުހައްމަދުގެ މަގާމުން ވަކިކޮށްފި ނަމަ އެކަން ވާނީ ޖޭއެސްސީގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދީފައިވާ ހައްގުތަކުން މަހްރޫމު ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެ ސިޓީގައި ވަނީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލައިފިނަމަ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ތަހުގީގު ކުރެވުނު މައްސަލައިގެ ރިޕޯޓް އެ ފަނޑިޔާރަކަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ހަމަ އެހެންމެ އެ ރިޕޯޓް ފަނޑިޔާރަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށައަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ޖޭއެސްސީން ރިއާޔަތް ކޮށްދިނުމަށް އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ހުށައެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާކަން ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު މި ސިޓީ ފޮނުއްވާފައި ވަނީ ޖޭއެސްސީ އަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށެވެ. ޖޭއެސްސީން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ޖުޑިޝަރީ ކޮމިޓީން އެ ފަނޑިޔާރުން ވަކި ކުރުމަށް ނިންމާ މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް ބަހުސް ކޮށްފައެވެ. އަދި މިއަދު 1:30 ގައި ފަނޑިޔާރުން ވަކި ކުރުމަށް ވޯޓަށް އަހަން ވަނީ އެޖެންޑާ ކޮށްފައެވެ.