އަލްމަރްހޫމް ޑރ. އަފްރާޝިމް އަލީގެ ތަހުގީގަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާންނެއް ކަމުގައި އަދީބުގެ އާއިލާއިން ބުނެފިއެވެ.

އަދި އެބަޔާންތަކުގައި އަހުމަދު އަދީބުގެ ނަން ބޭނުން ކޮށްގެން ދައްކާފައި ވަނީ ސާބިތު ނުހިފޭ، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ، އަދީބަކީ ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދެއްވަން އުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރާއްޖެ ޓީވީ އާ ބެހޭ ގޮތުން އަދީބު އެސްއެމްއެސްއެއް ފޮނުއްވި ވާހަކަ އަކީ ވެސް ދޮގު ވާހަކައެއް ކަމަށް އަދީބުގެ އާއިލާއިން ބުނެއެވެ. މަރު ކޮމިޝަނުގެ ރިޕޯޓުގައި، ރާއްޖެ ޓީވީ ރޯކޮށްލުމުގެ ހާދިސާއާ ގުޅިގެން އަދީބު "މިޝަން އެކޮމްޕްލިޝްޑް" ކަމަށް ވިދާޅުވެ އެސްއެމްއެސްއެސް ފޮނުއްވި ކަމަށް ބަޔާން ކޮށްފައި ވެއެވެ.

އަދީބުގެ އާއިލާއިން ބުނީ، އަހުމަދު ނާޒިމް، މަރު ކޮމިޝަނަށް ދެއްވާފައި ވާ ބަޔާނުގައި އަދީބާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ، އަދީބާ މެދު ނަފްރަތު އުފައްދަން ކުރައްވާފައިވާ ކަމެއް ކަމުގައެވެ.

އެ އާއިލާއިން އިތުރަށް ބުނީ، ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުވި އެއް ކަމަކީ އަހުމަދު ނާޒިމް އާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަހުމަދު އަދީބްގެ އިސްތަށިފުޅުގައި، ޑރ އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން އަޅުވަމުން ދިޔައީ ސިޔާސީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަހުމަދު އަދީބުގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަހުމަދު އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން އިލްތިމާސް ކުރަމެވެ.