މަރު ކޮމިޝަނުން ނެރުނު ޑރ. އަފްރާޝީމް އަލީގެ ރިޕޯޓުގައި އޭރުގެ އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކުރި ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ.

ޝަހީމް ވިދާޅުވީ، އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމްގެ މަރާ އެހެން މައުސޫމް މީހުންނާ ގުޅުވަން މަސައްކަތް ކުރުމަކީ އެކަމުގައި އުޅުނު ހަގީގީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކުން އޭނާ ބަރީއަވެގެންވާކަން މާތް ﷲ ދެނެވޮޑިގެންވާ ކަމަށާއި، ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރު ކޮމިޝަނަށް ދީފައި ވަނީ ތެދު މައުލޫމާތުކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ވަނީ ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓުގެ ހުލާސާ އިއްވާފައެވެ. އެ ރިޕޯޓުގައި ވަނީ ޑރ. ޝަހީމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، ޑރ. ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އޭނާއާ 2012، އޮކްޓޯބަރު އެއްވަނަ ދުވަހު ބައްދަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް އަފްރާޝީމް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް އޭނާ އެދިވަޑައިގެން ނޫން ކަމަށް ވެއެވެ. އަދި އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިވަޑައިގެންނެވި މެސެޖެއްގައި އަފްރާޝީމް ރުޖޫއަވެ، މީޑިއާގައި އިއުލާނު ކުރައްވައިފިނަމަ، މެސެޖު ފޮނުވި ބަޔަކު އަލުން އަނބުރާ އަފްރާޝީމް ދެކެ ލޯބިވާނެ ކަމަށް ޝަހީމް ވިދާޅުވި ކަމަށް ރިޕޯޓުގައި ވެއެވެ.

ޝަހީމް މިފަދައިން މަރު ކޮމިޝަނަށް މައުލޫމާތު ދެއްވާފައިވީ ނަމަވެސް، 2012، އޮކްޓޯބަރު އެއްވަނަ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދެންނެވި ކަމަށް ދެބޭފުޅުންގެ ދެމެދުގައި ބަދަލު ކުރައްވައިފައިވާ މެސެޖުތަކުން އެނގޭ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ޝަހީމަށް ބަޔަކު ފޮނުވި ކަމަށް ބުނާ އެ މެސެޖު ޝަހީމަށް ފޮނުވި ފަރާތެއް އޭނާ ހަނދުމަ ނެތް ކަމަށާއި އޭނާ ކޮމިޝަނަށް އެ މައުލޫމާތު ސާފުކޮށްދެއްވާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

މަރު ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ލިބިފައިވާ ހެކިތަކުން ޑރ. ޝަހީމް އެ ކޮމިޝަނަށް ދެއްވި މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަމަށް ނިންމާފައެވެ.

މީގެ އިތުރުން، މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނީ އަފްރާޝީމް މަރާލުމަށްފަހު އޮކްޓޯބަރު ދެވަނަ ދުވަހު މާލެއިން ގަތަރަށް ފުރި ފްލައިޓުން 10 މީހުން ފުރި ކަމަށެވެ. އަދި އޭގެ ތެރެއިން ސީރިއާ އަދި ސޫދާނަށް ދިޔަ މީހުންގެ ތެރޭގައި ޖާދުﷲ އިބްރާހިމް، މުހައްމަދު އިޝާން، އަބްދުﷲ ބަޝީރު، ފައުޒީ، އަހްމަދު ޔުސްރީ މުހައްމަދު ޝަރީފު، މުހައްމަދު ޝަފީގު، މުހައްމަދު ތަސްނީމް، އައިޝާ ނަހުލާ އަބްދުލްލަތީފް އަދިި އިބްރާހީމް ހުޝާމާއި މިފްޒަލް މުހައްމަދު ހިމެނެއެވެ. ރިޕޯޓުގައި ބުނެފައި ވަނީ، މި އެންމެނަކީ ވެސް މަޒީދާއި ސާމިދުގެ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށްފައިވާ މީހުން ކަމަށެވެ. އެ ރިޕޯޓުގައި ބުނީ މާލެއިން ގަތަރަށް ދިޔަ ފްލައިޓުގައި ދެން ވަޑައިގެންނެވީ ޑރ. ޝަހީމް ކަމަށެވެ.