ޮކްޓޫބަރު 2، 2012 ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން 4-6 މިލިއަނާއި ދޭތެރޭގެ އަދަދެއްގެ ރުފިޔާ ހުށަހެޅި ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓު މަޖިލިހަށް އިއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ހުލާސާ އިއްވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކޮންޓްރެކްޓަށް 4 މިލިއަނާއި 6 މިލިއަނާއި ދެމެދުގެ އަދަދަކަށް ފައިސާ ހަރަދުކޮށްފައި ވާއިރު، އެ ފައިސާ ދައުރުވި މަގު ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިހާރުވެސް ހިންގޭނެ ތަހުގީގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގައި ހިންގާ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގު ކުރެވި ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ، ރާއްޖެ ހަރާބުގެ މަގަށް ހިނގައިދާނެ ކަމުގެ ޝައްކެއް ނެތް ކަމަށެވެ. އަދި ރިޕޯޓުގައި ބަޔާންކޮށްފައި ހުރި މީހުންނާ މެދު ދައުވާ އުފުލޭނެ ވަރަށް ރިޕޯޓްގައި ހެއްކާއި ގަރީނާ އެބަހުރި ކަމަށާއި، އެކަމަށް އެމަނިކުފާނަށް ގާނޫނީ ލަފާ ލިބިވަޑައިގެންފައި ވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަރު ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން، ހ. ލޮބީ ހުސެއިން ހުމާމް އަހްމަދު ފުލުހުންނަށާއި ކޯޓަށް ހުށަހެޅި ބަޔާނުންނާއި، އަދި ކޮމިޝަނަށް ދީފައިވާ ބަޔާންތަކުން އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ރޭވުން، އަޒްލިފް ރައޫފުގެ ރޭވުމާ އެއްގޮތްވާ ގޮތުގެ މަތިން ރައޫފާއި ހުމާމާއި، ހ. ހިކޯސްޓް، އަލީ ޝާން އަދި މި މައްސަލާގައި ހިމެނޭ ކުޑަކުއްޖަކު ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. އަދި މިކަމުގައި އިތުރު ބަޔަކު ހިމެނޭ ކަމަށް ބެލެވިފައި ވާއިރު، އެމީހުން ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސްފައި ވާކަމަށް އެ ރިޕޯޓުގައި ބުނެއެވެ.