ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިންގެ ރައްދު ރިޔާސީ ކޮމިޝަނުން ނެރުނު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގީ ރިޕޯޓަށް އަމާޒުވެއްޖެއެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގީ ރިޕޯޓާ ގުޅިގެން އިލްޔާސް ވިދާޅުވީ، މާތް ނަބިއްޔާއަށް ފުރައްސާރަކުރި ބައެއްގެ ދިފާއުގައި ވަކާލާތު ކުރި މައްސަލަ އޮއްބާލަން މަސައްކަތްކޮށް ކިތަންމެ ރިޕޯޓެއް ނެރުނަސް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ. ދޮގު ތުހުމަތުކޮށް ހަގީގަތް އޮޅޭ ގޮތަށް ރިޕޯޓު ތައްޔާރު ކުރާއިރު މިނޫން ދުވަހެއް ވާކަން ހަނދާން ނުވަނީތޯ އިލްޔާސް ވިދާޅުވެ މާތް ﷲ އަށް ބިރުވެތި ނުވަނީތޯ ވަނީ އައްސަވާފައެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގީ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ މުއައްސަސާތަކަށް ހިއްސާކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ކައުންޓާ ޓެރަރިޒަމް ސެންޓަރު، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ އެ ރިޕޯޓު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެ ރިޕޯޓާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނަނީ ޑރ. އަފްރާޝީމް ކުއްލި ގޮތަކަށް ޓީވީއެމްގެ ޕްރޮގްރާމަށް ވަޑައިގަންނަވަން ބޭނުންފުޅުވީ އަމިއްލަ ފުޅަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާ ހަވާލާދީ ވިދާޅުވެފައިވާ ކަމަށާއި ޑރ. އަފްރާޝީމް ޓީވީއަށް ވަޑައިގަންނަވާކަން މިނިސްޓްރީގެ ބޭފުޅުން ފިޔަވާ އިތުރު އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށެވެ. އެހެން ނަމަވެސް ޑރ. އަފްރާޝީމް ޕްރޮގްރާމަށް ވަޑައިގަންނަވާކަން ދުރާލައި އަދާލަތު ޕާޓީގެ ބަޔަކަށް އެނގިފައިވާ ކަމަށް އެ ހަބަރުގައި ބުނެފައި ވެއެވެ.

އަދި ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން އެރޭ ޑރ. އަފްރާޝީމް ތައުބާވެ ވަޑައިގަންނަވަން ޓީވީއެމް ޕްރޮގްރާމަކަށް ވަޑައިގަންނަވާތީ އަދާލަތު ޕާޓީގެ އޮފީހަށް ޕްރޮގްރާމް ބަލަން އެޕާޓީގެ ބަޔަކު ޖަމާވިއެވެ. އަދި ޕްރޮގްރާމް ނިމުނު ފަހުން އެޕާޓީގެ ބަޔަކު ޑރ. އަފްރާޝީމް އަށް މެސެޖުކުރި ކަމަށާއި، މެސެޖުކުރި މީހުންގެ ވަނަވަރާއި، ފޮޓޯގެ އިތުރުން އެމީހުން ފޮނުވި މެސެޖުވެސް ހިމަނާފައިވާ ކަމަށް އެ ރިޕޯޓާ ހަވާލާދީ ލިޔެފައިވާ މީޑިއާއިން ބުނެއެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގީ ރިޕޯޓު އާންމުކޮށްފައި ނުވާއިރު އެ ރިޕޯޓު ވަނީ ލީކު ކޮށްލާފައެވެ. ބައެއް މީޑިއާތަކުން، ލީކްކޮށްލާފައިވާ ރިޕޯޓުގައިވާ ބައެއް ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލައިގައި ދީނީ އިލުމުވެރިންނާ ރާއްޖޭގެ ރައްޔިތުން ނުރުހުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔާފައެވެ. އެމްޑީއެން ޖަމިއްޔާ ސަސްޕެންޑު ރުމަށްފަހު ވެސް ފިޔަވަޅު ނާޅާތާ އެއްމަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ އުވާލުމަށް ނިންމާފައެވެ. އެއަށްފަހު އެމްޑީއެންގެ ވާހަކަތައް ވަނީ އޮބިފައެވެ. އެކަމާ ގުޅިގެން ކުރަމުންދާ ތަހުގީގާ ބެހޭ އެއްވެސް ވާހަކައެއް ފަހުން ދެކެވިފައެއް ނުވެއެވެ.

މިއަދު ރައްޔިތުރުން މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގެ ރިޕޯޓު ވަނީ އިއްވާފައެވެ. އެ ރިޕޯޓުގައި ބުނާ ގޮތުން ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމަށް މަސައްކަތް ކޮށްފައިވަނީ ޖިހާދީ ފިކުރުގެ ޖަމާއަތަކުންނެވެ.