5 އަހަރު ދުވަހުގެ މުއްދަތަށް ދެމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީީންގެ ވެރިކަމަށް ނިމުމެއް އައިތާ މިއަދަށް އަހަރެއް ވީއެވެ. މަޑުމައިތިރި ހިތްތިރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންވީ 17 ނޮވެމްބަރު 2018 ވަނަ ދުވަހެވެ. އެތައް ގިނަ ވައުދުތަކާ އެކު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު، މިއީ ދިވެހި ތާރީހުގައި ވެސް އެންމެ ގިނަ ވައުދު ވެވަޑައިގެންނެވި ރައީސް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިހާރު މިއޮތް ސަރުކާރު މީގެ އަހަރެއްގެ ކުރިން އޮތީ އިދިކޮޅުގައެވެ. އެއްވުންތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކޮށްކޮށެވެ. ސިޔާސީ ލީޑަރުން ތިއްބެވީ ޖަލު ބަންދުގައެވެ. އެހެނަސް، ކޯލިޝަނެއްގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރު ބަލިކޮށް، މިއަދު ރައީސް ސޯލިހަށް ވެރިކަން ލިބުމުން އިދިކޮޅުގެ ހާލަކީ ކޮބާތޯއެވެ. މި ސަރުކާރާ މެދު އިދިކޮޅުން ދެކޭ ގޮތަކީ ކޮބާތޯއެވެ.

އިދިކޮޅުން މި ސަރުކާރު ރޭޓް ކުރަނީ ކިހިނެތް؟

އިދިކޮޅުގައި މިހާރު އޮތް ތިން ޕާޓީ ޕީޕީއެމް، ޕީއެންސީ އަދި ޑީއާރްޕީން މި ސަރުކަރު ރޭޓް ކުރަނީ ކިހިނެތްތޯ ވެސް ބަލާލަމާތޯއެވެ. ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރަށް ދޭނީ 32 ޕަސެންޓް ކަމަށެވެ. ވަރަށް ސީދާ އަދަދެކެވެ. ޝިޔާމް ވިދާޅުވީ، ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި، މި ސަރުކާރަކީ މިއީ ދިވެހި ތާރީހުގައި ދުށް އެންމެ ގިނަ ވައުދުވެގެން އައި ސަރުކާރު ކަމަށެވެ. ސަރުކާރު ފެއިލްވެ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ނުދެވޭކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ، ފުރަތަމަ 100 ދުވަހަށް ނިންމުމަށް ވެސް މި ސަރުކާރުން މުއްދަތު ޖަހާފައިވާ ކަންތައްތަކުން 50 ޕަސެންޓް ވެސް ހާސިލު ނުވާ ކަމަށާއި، މުޅިއަހަރަށް ބަޖެޓު ކުރެވިފައި ހުރި ކަންތައްތަކުގެ ތެރެއިން ވެސް ހާސިލު ވީ އެންމެ 32 ޕަސެންޓް ކަމަށެވެ.

ޕީޕީއެމް-ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ދެ ނައިބުން ސުޖާއު އަދި ސައީދު (ކ) އަދުރޭ (މ) އަދި ޕީޕީއެމްގެ ދެ ނައިބުން ޝިޔާމް އަދި މުއިއްޒު (ވ) / ފޮޓޯ: ޕީއެންސީ

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ދަނީ ހުރިހާ ކަމެއްގައި ހުއްޖަތް ދައްކަމުން ކަމަށާއި، ހުއްޖަތެއްގެ ގޮތުގައި ދައްކަނީ ކުރީ ސަރުކާރުން މިވަނި އެވަނި ކަމެއް ކޮށްފައި އޮތުމުން ކަމަށެވެ. ނަމަވެސް، ހަގީގަތުގައި މި ސަރުކާރުގެ ޑެލިވަރީ ވަރަށް ދަށް ކަމަށާއި، ސިޔާސީ ކަންތަކަށް ވުރެ ބޮޑަށް ސިޔާސީ މީހުން މި ސަރުކާރަށް، ސަރުކާރު ހިންގާނެ ގޮތް ކިޔައިދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދާނެ ގޮތް މި ސަރުކާރަށް ނޭނގިގެން އުޅޭތީ، ސިޔާސީ މަސައްކަތް ހުއްޓާލާފައި، ޓެކްނިކަލީ ސަރުކާރަށް އެހީވާން ޖެހޭ ހިސާބަށް ސަރުކަރުގެ ހާލަތު ދަށްވެފައިވާ ކަމަށެވެ.

ސަރުކާރު ރޭޓް ކުރައްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެއް އަހަރުވެގެން ދިޔައިރު، ރައްޔިތުން ބޭނުންވީ އެއްވެސް ކަމެއް މި ސަރުކާރަކަށް ކޮށް ނުދެވުނު ކަމަށާއި، މިއީ ވަރަށް ނާގާބިލު ސަރުކާރެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ވަރަށް އަނިޔާވެރި، ވަރަށް ކޮރަޕްޓް، މިހާތަނަށް އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ވައްކަން ކުރި ސަރުކާރު ކަމަށާއި، މި ސަރުކާރުން ދަނީ އިސްލާމް ދީނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކޮށް، ރާއްޖޭގެ ދިވެހި ވަންތަ ސިފަތައް ގެއްލުވާލަން މަސައްކަތް ކުރަމުން ކަމަށް އަދުވޭ ތުހުމަތު ކުރެއްވިއެވެ.

މި ސަރުކާރަކީ މިއީ ނަމުން ޑިމޮކްރެޓިކް، ކަމުން ގައްދާރު ސަރުކާރެއް
ޝުޖާއު

"މި ސަރުކާރަކީ މިއީ ނަމުން ޑިމޮކްރެޓިކް، ކަމުން ގައްދާރު ސަރުކާރެއް" ޕީއެންސީގެ ނައިބު ރައީސް ޝުޖާއު މި ސަރުކާރު ސިފަ ކުރެއްވިއެވެ. އެއް އަހަރުވެގެން ދިޔައިރު، ރައްޔިތުންނާއި ސީދާގުޅޭ އެއްވެސް މަޝްރޫއުއެއް ލޯ ކުރިމައްޗަށް ފެންނަން ނެތް ކަމަށާއި، މި ސަރުކާރު މަސައްކަތް ކުރަނީ ބަރަވެލި ސްޕީޑުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ސަރުކާރުގެ ސްޕީޑް އަވަސްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށާއި، ރައީސް ސޯލިހަކީ ވެސް ވަރަށް މަޑުމައިތިރި ބޭފުޅެއް ކަމަށާއި، މި ސަރުކާރު ވެސް ހިނގާނީ އެމަނިކުފާނުގެ އެ ހުންނަ މަޑުމައިތިރި ކަމާ އެއްވަރަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، މޮޅު ފޯމިއުލާއެއް ބޭނުންކޮށްގެން މި ސަރުކާރުން ދަނީ ފާޅުކަންބޮޑު ގޮތެއްގައި ވައްކަން ކުރަމުން ކަމަށާއި ރައްޔިތުން މި ސަރުކާރަށް ދޭނީ ހަަމަ ސުމެއް ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި ސަރުކާރު ނުހިނގާ ކަމަށާއި ސްލޯ ކަމަށް ގިނަ ބަޔަކު ސިފަ ކުރަމުން ދަނީ، މި ސަރުކާރުން މަޝްރޫއުތައް ނުހިންގާތީ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އަބަދުވެސް ކޮންމެވެސް މަޝްރޫއުއެއް ހިނގަމުންދާތީ، ރަށްރަށުގައި ފައިސާ ދައުރުވަމުންދާ ކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ މަޝްރޫއުތައް ނުހިންގުމުގެ ސަބަބުން ރައްޔިތުން މިވަނީ ހާލުގައި ޖެހި، ފަގީރު ކަމުގެ އިހުސާސް ކުރެވެމުން ކަމަށެވެ.

ރައީސް ސޯލިހަކީ ހިންގުންތެރި ބޭފުޅެއް ނޫން ކަމަށް ސިފަކުރައްވަމުން ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމުގައި ހުންނެވިއަސް ގައުމު ނުހިނގާކަމަށެވެ. އަދި މި ސަރުކާރުން ކުރާހާވެސް ކަމަކީ ބަދަލު ދިނުން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމަށް ގެނައީ، އޭރު ވެރިކަން ކުރައްވަން ތިބި ބޭފުޅުން ޖަލުގައި ތިއްބެވުމުން، އެބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމުން ކަމަށެވެ. ޖާބިރު ސިފަ ކުރެއްވީ، މި ސަރުކާރަކީ ނުހިނގާ، މަކަރާއި ހީލަތުން ވެރިކަމުގައި އޮތް ސަރުކާރެއް ކަމަށެވެ.

މި ސަރުކާރު 5 އަހަރަށް ދެމިގެން ނުދާނެބާ؟

ސަރުކާރެއް ރައްޔިތުން އިންތިހާބު ކުރަނީ ފަސް އަހަރަށެވެ. ރައްޔިތުން ސަރުކާރެއް ގެންނަނީ ފޮނި އުއްމީދުތަކާއި އެކުއެވެ. ވެރިކަން ހޯދުމަށް ކުރާ ކެމްޕޭނު ދަތުރުތަކުގައި އެ ކުރާ ވައުދުތަކުގައި ކުލަ ޖައްސާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މިހާރަކަށް އައިސް މި ސަރުކާރު ފަސް އަހަރަށް ދެމިގެން ނުދާނެ ކަމުގެ އަޑުތައް މިދަނީ އިވެމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް

އަދުރޭ ވިދާޅުވީ، 5 އަހަރަށް ސަރުކާރެއް ދެމިގެން ދިއުމަކީ އޭނާ އެދިލައްވާ ކަމެއް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިއްބަވާނެ ކަމަށެވެ. ނަމަވެސް މަގުމަތިން ސަރުކާރު ވައްޓާލަން ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައިގެން، ސަރުކަރު ޖަވާބު ދާރީ ކުރުވަން ރައްޔިތުން ނިކުތުމުން، ދެން ކެތް ނުވެގެން އިސްތިއުފާ ދެއްވާފަ ވަޑައިގެންނެވުމަކީ މުޅިން ތަފާތުކަމެއް ކަމަށެވެ. 2008 ވަނަ އަހަރުވެސް ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ރައްޔިތުން ނިކުތުމުން، ދެން ކެތް ނުވެގެން އިސްތިއުފާ ދެއްވާފަ ވަޑައިގެންނެވި ކަމަށް (ރައީސް ނަޝީދު) ވިދާޅުވެ އަދުރޭ ވަނީ މިވެރިކަމުގައި ވެސް އެހެން ނުވާނެއޭ ދަންނަވަން ނުކެރޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މި ސަރުކާރަކީ އެހާ ގާބިލު ސަރުކާރެއް ނޫން ކަމަށާއި، ސަރުކާރު ދެމެހެއްޓުމުގެ ގާބިލުކަން ނެތް ކަމަށާއި، މި ގައުމުގެ އިގްތިސޯދު ފުޑާތަން ބަލަބަލާ ރައްޔިތުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުކޮށް ރައީސަކު ހޮވަނީ 5 އަހަރުގެ މުއްދަތަކަށް ވިޔަސް މި ސަރުކާރު ހޮވީކީ 5 އަހަރުގެ މުއްދަތަކަށް ނޫން ކަމަށް އެންމެ ގިނައިން ވިދާޅުވާ އެއް ބޭފުޅަކީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ. ޖާބިރު ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު މާހައުލު އޮތީ މުޅިން ތަފާތުކޮށް ކަމަށާއި، އެމަނިކުފާނާއި ވެރިކަން ހަވާލު ކުރީވެސް އެސަބަބާ ހުރެ ކަމަށެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތް އިރު ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ބަންދު ކޮށްފައި ނުވަތަ ގައުމުން ބޭރަށް އަރުވާލާފައިވާ ކަމަށާއި، އޭރު ވެރިކަން ކުރައްވަން ބޭނުންވާ އެއްވެސް ބޭފުޅަކަށް އެ ފުރުސަތު ތަނަވަސްވެފައި ނެތް ކަން ފާހަގަކޮށް، ޖާބިރު ވަނީ ހަމައެކަނި ރައީސް ސޯލިހާއި ރައީސް ޔާމީނަށް ވެރިކަން ކުރެވޭނެހެން ދެބޭފުޅުންގެ ދެމެދުގައި އެއްބަސްވެފައިވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. ޖާބިރު ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމުގައި މި ހުންނެވީ ކޯލިޝަނެކޭ ކިޔައިގެން އޮޅުވާލައިގެން ކަމަށާއި، ވެރިކަމަށް ވަޑައިގަތީ، ސަރުކާރަށް އެއް އަހަރުވުމުން މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ކަމަށް ބުނަމުން ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް ގޮވާލާފައެވެ.

މިވެރިކަމުގައި ކުރިއަށް އޮތް އަހަރުތައް ދާނީ ކިހިނެތް؟

މި ސަރުކާރުގެ ސްޕީޑް ލަސްކަމުގެ ވާހަކައަކީ ހާއްސަ ގޮތެއްގައި އިދިކޮޅުގެ ފަރާތްތަކުން މެދުނުކެނޑި ދައްކަމުންދާ ވާހަކައެކެވެ. އެގޮތުން، މި ސަރުކާރުގެ ސްޕީޑް އަވަސްވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވިދާޅުވަމުން ޝުޖާއު ވިދާޅުވީ، މި ސަރުކާރުގެ އެއް އަހަރު މިދިޔައީ ވަރަށް ބަނަކޮށް ކަމަށާއި، މި ސަރުކާރު ބައްދަލުކުރާ ދެވަނަ އަހަރަށް އަލިވިލިގެން ދާއިރު، ރައްޔިތުން، ރައޔިތުންގެ މުސްތަގުބަލާއި ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ. އަދި މިގައުމުގައި މިދާވަރުން ވިއްޔާ ފައްޅި އަޅާނެ ކަމަށާއި، ދީނީ މިނިވަންކަން ދިނުމުގެ އިތުރުން އެއް ޖިންސުން ކައިވެނި ކުރުމުގެ ހުރިހާ ކަމެއް ވެސް ހިންގާނެ ކަމަށް ބުނެ އޭނާ ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝިޔާމް ވަނީ، މި ސަރުކާރުން ކަންކަން ރަނގަޅު ކޮށްދިމަށް ރައްޔިތުންނަށްވީ ވައުދާ، އަހުދާ، ގާނޫނުއަސާސީ ދަމަހައްޓާ، ގާނޫނު އަސާސީގެ މައިގަނޑު އަސާސް ކަމަށްވާ އިސްލާމް ދީން، ހިމާޔަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނާއި ދެކޮޅަށް ނިކުންނަ ފަރާތްކާ މެދު ފިޔަވަޅު އެޅުމަށާއި، މިއީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.