ހެންވޭރު ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ޒުވާނާއަކީ 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު 10:10 ހާއިރު ފުލުހުންނަށް ހެންވޭރު ގެއެއްގެ ވައިގޮޅީގައި މިހާކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ އިރު އެވަގުތުން ފެށިގެން އެއީ ކާކުކަން ދެނެގަންނަން ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ.

ފުލުހުން މިރޭ ބުނީ، ވައިގޯޅި ތެރޭގައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށާއި އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މަރުވެފައިވާ ޒުވާނާގެ އާއިލާއާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައިވާ އޮއްވާ ފެނުނު މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދިވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް މަރުގެ ތަފާތު ހާދިސާތައް ހިނގާފައި ވާއިރު އިއްޔެ ވަނީ ޑިންގީއަކުން ކަނޑަށް ފުންމާލައިގެން މީހަކު މަރުވެފައެވެ. އަދި އޭގެ އެއްދުވަސް ކުރިން ހުޅުމާލެގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ކުންޖަކު ނިޔާވެފައިވާކަމަށްވެސް ފާހަގަ ކުރެވެއެވެ.

އޭގެ އިތުރުން، މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެސްޓް ހައުސެއްގައި އަންހެނަކު މަރުވެފައި އޮއްވާ މިދިޔަ މަހު 20 ވަނަ ދުވަހު ވެސް ވަނީ ފެނިފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައި ވެސް މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ.