އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ސިއްރު ރިޕޯޓު ލީކު ކުރި ކަމުގެ ތުހުމަތުގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
މިރޭ ކޮމިޝަނަށް ހާޒިރުވުމަށް އޭނާ އަށް އަންގާފައި ވަނީ 8:30 ގައެވެ. އޭނާ ކޮމިޝަނަށް ހާޒިރު ކުރީ އެ ކޮމިޝަނުން ތަހުގީގުކޮށް ތައްޔާރުކުރި ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ސިއްރު ރިޕޯޓު ރާއްޖޭގެ ބައެއް ނޫސްވެރިންނާ ހިއްސާކުރި ކަމަށް ބުނެ ކަމަށް ޝުމްބާ ބުނެއެވެ.
މި ކަމާ ގުޅިގެން އެ ތުހުމަތަށް އިންކާރު ކުރަމުން ޝުމްބާ ބުނީ އޭނާ އަތުގައި އެ ރިޕޯޓު ނެތް ކަމަށާއި އަދި އެފަދަ ކަމެއް އޭނާ ނުކުރާ ކަމަށެވެ.
ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގީ ސިއްރު ރިޕޯޓާ ގުޅިގެން ބައެއް ނޫސްތަކުގައި އަންނަނީ ހަބަރުތައް ފަތުރަމުންނެވެ. އެގޮތުން އެ ރިޕޯޓާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނަނީ ޑރ. އަފްރާޝީމް ކުއްލި ގޮތަކަށް ޓީވީއެމްގެ ޕްރޮގްރާމަށް ވަޑައިގަންނަވަން ބޭނުންފުޅުވީ އަމިއްލަ ފުޅަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި ހަވާލާދީ ވިދާޅުވެފައިވާ ކަމަށާއި ޑރ. އަފްރާޝީމް ޓީވީއަށް އަރާ ވަޑައިގަންނަވާކަން މިނިސްޓްރީގެ ބޭފުޅުން ފިޔަވާ އިތުރު އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށެވެ. އެހެން ނަމަވެސް ޑރ. އަފްރާޝީމް ޕްރޮގްރާމަށް އަރައިވަޑައިގަންނަވާކަން ދުރާލައި އަދާލަތު ޕާޓީގެ ބަޔަކަށް އެނގިފައިވާ ކަމަށް އެ ހަބަރުގައި ބުނެފައި ވެއެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން އެރޭ ޑރ. އަފްރާޝީމް ތައުބާވެ ވަޑައިގަންނަވަން ޓީވީއެމް ޕްރޮގްރާމަކަށް ވަޑައިގަންނަވާތީ އަދާލަތު ޕާޓީގެ އޮފީހަށް ޕްރޮގްރާމް ބަލަން އެޕާޓީގެ ބަޔަކު ޖަމާވިއެވެ. އަދި ޕްރޮގްރާމް ނިމުނު ފަހުން އެޕާޓީގެ ބަޔަކު ޑރ. އަފްރާޝީމް އަށް މެސެޖުކުރި ކަމަށާއި، މެސެޖުކުރި މީހުންގެ ވަނަވަރާއި، ފޮޓޯގެ އިތުރުން އެމީހުން ފޮނުވި މެސެޖުވެސް ހިމަނާފައިވާ ކަމަށް އެ ރިޕޯޓާ ހަވާލާދީ ލިޔެފައިވާ މީޑިއާއިން ބުނެއެވެ.
މީގެ އިތުރުން ޑރ. އަފްރާޝީމް ދިރިއުޅުއްވާ ގޭގައި އޭނާ އަވަހާރަކޮށްލީ ސިޑިމަތީގައި ކަމަށް ވާއިރު، އަފްރާޝީމް އަވަހާރަކޮށްލިތޯ ޔަގީން ކުރަން އިތުރު ބަޔަކު ސިޑިމަތީގައި ތިބި ކަމަށްވެސް ލީކުކޮށްލި ރިޕޯޓާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި އެމީހުން ތިބީ އަފްރާޝީމް އަވަހާރަ ކޮށްލުމަށް ހަވާލުކުރި ހުމާމް އާއި ޝާންއަށް އެކަން ނުވެއްޖެ ނަމަ ތިރިއަށް ފައިބެ އަފްރާޝީމް އަވަހާރަކޮށްލަން ތައްޔާރަށް ކަމަށްވެސް ލީކް ކުރި ރިޕޯޓުގައި ބުނާކަމަށް ވެއެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގީ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ މުއައްސަސާތަކަށް ހިއްސާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ކައުންޓާ ޓެރަރިޒަމް ސެންޓަރު، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ ރިޕޯޓު ވަނީ ހިއްސާކޮށްފައެވެ.
ޑރ. އަފްރާޝީމް އަލީގެ މަރަކީ ސިޔާސީ ފަރާތަކުން އަޑީގައި ހުރެގެން ކޮށްފައިވާ ކަމެއް ނޫންކަން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އަފްރާޝީމް އާއިލާއިން އެކަން ގަބޫލުނުކޮށް އެ އާއިލާއިން ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ ބޭނުމެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު އެންމެ އަޑީގައި ތިއްބަވައިގެން ކަމަށް ތުހުމަތުކޮށްފައެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެއެވެ.
ޑރ. އަފްރާޝީމަށް ހަމަލާދީފައި ވަނީ ހ. ލޮބީ، ހުސައިން ހުމާމް އެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފަ އެވެ. އަފްރަޝީމަށް ހަމަލާދިނުމުގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށް މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ވެއެވެ. މަރު ކޮމިޝަނުން މިހެން ބުނެފައިވީ ނަމަވެސް އެ މައްސަލާގައި ޝާންގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވުމުގެ ސަބަބުން އޭނާ ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ. ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ވެސް ދައުވާކުރި އެވެ. އޭނާގެ ބައިވެރިވެރިވުން ވެސް މިކަމުގައި އޮތް ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.