‏މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލާފައިވާ ޑރ. އަފްރާޝީމް އަލީގެ އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާލަކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. ރައީސް ސޯލިހް ވަނީ މި ރިޕޯޓް މިއަދު ކަމާ ގުޅުން ހުރި ފަރާތްތަކަށް ފޮނުއްވާފައެވެ.

ކަމާ ބެހޭ ފަރާތްތަކަށް މި ރިޕޯޓް ފޮނުއްވާފައިވާއިރު، މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ މި މައްސަލައާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މަޖިލިހަށް ލިބުނު ރިޕޯޓްގެ ބޭރުގަނޑު

ޑރ. އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ ފަހަތުގައި ވެސް ތިބި މީހުން މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސް ސޯލިހާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެއެވެ.

އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރު ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައި ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީއެވެ.