ވާރޭވެހޭ ދުވަސްތަކުގައި މެންބަރުން އޮފީހަށް ވަޑައިގަތުމަށް ކާރެއް ބޭނުންވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު ވިދާޅުވުމާ ގުޅިގެން، މެންބަރުން އެކަން ދޮގުކޮށްފިއެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކާރެއް ބޭނުންވާ ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ކޮމިޓީގައި އެ މުއައްސަސާގެ ރައީސް ވިދާޅުވީ އެހެން މެންބަރުންނަށް އެނގިވަޑައިގެން ނޫން ކަަމަށާއި ކާރެއް ހޯދުމާ ގުޅޭ މަޝްވަރާއެއް ވެސް މެންބަރުންގެ މެދުގައި ކޮށްފައި ނުވާނެ ކަމަށެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ޒާހިރު ވިދާޅުވީ ވާރޭ ވެހޭ ދުވަސްތަކުގައި މެންބަރުން ގެއިން އޮފީހަށް ވަޑައިގެންނެވުމަށް ކާރެއް ބޭނުންވާ ކަމަށް ބުނެ މެންބަރުންގެ ޝަކުވާތައް ކުރި ކަމަށެވެ. ނަމަވެސް، ޒާހިރު ފިޔަވައި އެހެން މެންބަރުން ސޮއި ކުރައްވާ މިއުދެ ނެރުއްވި ބަޔާނުގައި ބުނީ، މެންބަރުން ކާރެއް ބޭނުންވެގެން ޝަކުވާއެއް ޓްރައިބިއުނަލްގެ ރައީސް ޒާހިރާއި އެ ނޫން ބޭފުޅަކަށް އަދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ދެއްކެވި ވާހަކަތަކަކީ އޭނާގެ ފަރުދީ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ކަމާއި އެ ވާހަކަތަކަކީ އެހެން މެންބަރުން ގާނޫނީ ގޮތުން ޒިންމާ އުފުލަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ މެންބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޓްރިބިއުނަލުން ބުނީ، އަންނަ އަހަރަށް އެ އޮފީހަށް ލަފާކޮށްފައިވާ ބަޖެޓާ މެދު ވެސް މެންބަރުންގެ ޝަކުވާއެއް ނެތް ކަަމަށާއި، އެ ބަޖެޓް އެކުލަވާލީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުން އެކުލަވާލާފައިވާ ތަސައްވުރާ އެއްގޮތަށް ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާއެކެވެ. އެ މުއައްސަސާގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އައިމިނަތު އަބްދުﷲ ޒުހައިރާއި ފާތުމަތު މަހީރާ މުހައްމަދާއި އަބްދުﷲ މިފްރާޒް ނިޒާރާއި މަރިޔަމް ޝަމްއާ އާއި އިބްރާހިމާއި މަރިޔަމް ރިޝްފާގެ އިތުރުން ޓްރިބިއުނަލްގެ ރައީސް ޒާހިރެވެ.