ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅެމުންދާ މެޗު ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދަނޑަށް ވަޑައިގަތީ ރޫހާއި ޖޯޝުގައެވެ.

ރާއްޖެއާއި ފިލިޕީންސް ކުޅޭ މެޗު ބައްލަވަން މިއަދު ހަވީރު މެންބަރުން ދަނޑަށް ވަޑައިގެންނެވީ، އެފްއޭއެމް އަދި ގައުމީ ޓީމަށް ލަފާދޭ ކޮމިޓީއިން މަޖިލިސް މެންބަރުންނަށް ހަދިޔާކުރި ޖާޒީތައް ތުރުކުރައްވައިގެންނެވެ.

މަޖިލީހުގެ އިދާރާއަށް އެއްވެ، ބެރާއި ދުންމާރި ހިއްޕަވައިގެން ސަފު ހައްދަވައިގެން ފައި މަގުގައި މެންބަރުން ވަޑައިގެންނެވި އިރު، އެންމެ ކުރީގައި ހުންނެވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލިސް މެންބަރު ބެރާއި ދުންމާރިއާއެކު ފައިމަގުގައި ދަނޑަށް ވަޑައިގެންނެވި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރާއްޖެއާ ފިލިޕީންސް ބައްދަލުކުރާ މެޗު ބައްލަވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން / ފޮޓޯ: މަޖިލިސް

މިހާރު ކުރިއަށްދާ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ދަނޑުގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗު ކުޅެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަސްތެރޭގައެވެ. ޗައިނާއާއި ރާއްޖެ ބައްދަލު ކުރި އެ މެޗުގައި 5-0 އިން ރާއްޖެ ބަލިވެފައި ވާއިރު، އެ މެޗަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގައި އަލުން ވިންދު ޖަހަން ފެށި މެޗު ކަމަށް ވެސް ބުނެއެވެ.