ހުޅުމާލޭގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް 7 ދުވަސް ކޯޓުން ޖަހައިފިއެވެ. އުމުރުން 54 އަހަރުގެ އެ ޑްރައިވަރަކީ ދިވެހި ފިރިހެނެކެވެ.

ހުޅުމާލޭ ކޮޅުން ހައިވޭއަށް އަރާ ސަރަހައްދުން ބަސ ޓާމިނަލް ކައިރިން ހިނގި އެކްސިޑެންޓުގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި އެ ހާދިސާގައި އަނިޔާ ލިބުނު އުމުރުން 51 އަހަރުގެ އަންހެނަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައި ވެއެވެ.

ކުޑަ ކުއްޖަކު ނިޔާވި މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލުގައި ދެމައިން ދަނިކޮށް، ދުއްވަމުން ދިޔަ އެމްޓީސީސީގެ ބަސް ސައިކަލުގެ ފަހަތުން ޖެހުމުންނެވެ. އެމްޓީސީސީގެ ސީއީއޯއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ، އެ ބަސް އެކްސިޑެންޓް ވި ކަން އޭގެ ޑްރައިވަރަށް ނޭނގޭ ކަމަށެވެ. އަދި ޑްރައިވަރަށް ރޭކާލީ ހައިވޭގެ ޔޫޓާން ނަގާ ހިސާބުން ފުލުހުން އެ ބަސް ހުއްުވުމުންނެވެ.

ފުލުހުން މިހާރު ވަނީ، އެހާދިސާ ލޮލުން ދުށް ފަރާތެއް ހުރި ނަމަ، ފުލުހުންނާ އެމައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

އެމްޓީސީސީން ހުޅުމާލެއާއި މާލެއާ ދޭތެރޭ ދުއްވާ ބަސްތަކަކީ ބޮޑެތި ބަސްތަކަކަށް ވެފައި، ބަސް ދުއްވުމުގައި ބައެއް ފަހަރު ބާރަށް ދުއްވުމާއި، ބަސް ލޭނު ނޫން ލޭނުން އޯވަޓޭކު ކުރަން މަސައްކަތް ކުރުން ފަދަ ކަންކަން ބައެއް ފަހަރު ކުރާ ބަސްތަކެކެވެ. އަދި ޑްރައިވަރުންގެ ފަރުވާ ކުޑަކަމުން ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން ޑްރައިވަރަކަށް ނިދިޖެހިގެން ފަތުރުވެރިއެއްގެ ގައިމައްޗަށް ބަސް އަރާ އޭނާ ނިޔާވި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.