އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުން މަޖިލީހަށް ފޮނުވުމުން އެ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އެޖެންޑާގައިވާ ގޮތުގައި މާދަމާ ހެނދުނު 9:00ގައި ފަށާ ޖަލްސާގައި މި މައްސަލަ އޮތީ ދެވަނައަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަގުތީ ގޮތުން ފަނޑިޔާރު ކަމުން ދުރުކުރުމަށް ނިންމާފައި ވަނީ އެ ދެބޭފުޅުންނާ ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި ދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާ، މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެބޭފުޅުން ކުރައްވައިފައިވާ ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ކޮމިޓީއަށް ފެންނަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ސ) ގައި ބަޔާން ކޮށްފައިވާ ފަނޑިޔާރުކަމުގެ މަގާމް އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމުން އެކޯޓު ހިންގުން ވަނީ ޖޭއެސްސީގެ ކުރީގެ ރައީސް އަދި ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކޮށްފައެވެ. އަރީފު ޖޭއެސްސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ. އެހެންކަމުން ޖޭއެސްސީގެ ރައީސަކަށް ހިސާން ހުސައިން މިއަދު ވަނީ އައްޔަން ކޮށްފައެވެ.