ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި މޭ ކަށިތައް ބިނދިއްޖެއެވެ.

ފުލުހުން މިރޭ ބުނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑުން ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ބިދޭސީއަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:35 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ 40 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ. ފުލުހުން ބުނީ އެމީހާގެ ކަނާތް ފަރާތުގެ ކޮނޑުމަތީގެ ކަށިތަކާއި މޭ މަތީގެ ގިނަ ކަށިތަކެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެމީހާ ވެއްޓުނީ އިމާރާތުގެ ސޭފްޓީ ނެޓު އުސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެމީހާ ހުރީ ސޭފްޓީ ބެލްޓުވެސް ނާޅާ ކަމަށް ފުލުހުން ބުންޏެވެ.