ސިނަމާލެ ބްރިޖަށް އެރުމަށް ހުޅުމާލެ ކޮޅުން އޮންނަ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވީ، ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުން ޝަފީގު، 13 އަހަރެވެ. އޭނާ އިނީ ސައިކަލުގެ ފަހަތުގައެވެ. ސައިކަލު ދުއްވަން އިނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ 51 އަހަރުގެ އަންހެނެކެވެ.

އެކްސިޑެންޓު ވުމާއެކު އޭނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އޭނާގެ ހާލު ރަނގަޅުކަމަށް އާސަންދަ އިން މައުލޫމާތު ދީފައިވެއެވެ. އަދި އެހާދިސާގައި ނިޔާވި އުމުރުން 13 އަހަރުގެ ކުއްޖާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭން އިންކާރު ކޮށްފައި ވާއިރު، ފުލުހުން ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށެވެ.

މިރޭ ހުޅުމާލެ ކޮޅުން ހައިވޭގައި އެކްސިޑެންޓް ހިނގީ، އަންހެނަކާއި ކުޑަ އަނަހެން ކުއްޖަކު ދުއްވަމުން ދިޔަ ސައިކަލަކާއި ބަސް ޖެހިގެންނެވެ. އެ ހާދިސާގައި ސައިކަލުގައި ބަހުން ގަސްދުގައި ޖެއްސީތޯ ނުވަތަ ނޫންތޯ އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މިރޭ ހުޅުމާލެ ނިރޮޅުމަގުން ހައިވޭއަށް އަރާ ހިސާބު ޓާމިނަލް ކައިރިން ހިނގި އެކްސިޑެންޓްގައި 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާގައި، ބަސް ދުއްވަން އިން މީހާ އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔައީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަސް ހުއްޓުވީ ހައިވޭގެ ޔޫޓާން ނަގާ ސަރަހައްދުން ކަމަށާއި، ބަސް ދުއްވަން އިން ޑްރައިވަރު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހުޅުމާލެއަށް ބަހުގެ ހިދުމަތް ދެނީ އެމްޓީސީސީންނެވެ. ފުލުހުން ބުނީ ހައްޔަރު ކުރި ޑްރައިވަރަކީ އުމުރުން 54 އަހަރުގެ މީހެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 10:40 ހާ އިރުއެވެ.