ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި ހާއްސަ ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.
ބޮޑުތަކުރުފާނުމަގު ފަސްމީރު ބިލްޑިންގްގައި ހަދާފައިވާ އެ ސެންޓަރު މިރޭ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާއެވެ.
ބީއެމްއެލްއިން ބުނީ އެ ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ ކަމަށެވެ. ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެހީތެރިކަން އެ މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ގެ ލޯން ޕޯޓްފޯލިއޯ އަށް ބަލާއިރު މިހާރުވެސް އެކި އެކި ދާއިރާގެ ވިޔަފާރި ހިންގާ 1300 ވިޔަފާރި ތަކަށް 800 މިލިއަން އަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ.
"މި އާ ބިޒްނަސް ސެންޓަރު މެދުވެރިކޮށް އަޅުގަނޑުމެންގެ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަރަމުން އަންނަ ވިޔަފާރިތަކުގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރާއި އޭޓީއެމް އަދި ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެގޮތުން، ބީއެމްއެލްއިން މި އަހަރު ތެރޭގައި އައްޑޫ ސިޓީ ގައި ބިޒްނަސް ސެންޓަރެއް ވަނީ ހުޅުވާފައެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ހުޅުވިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.