އެޑިއުކޭޝަން މިނިސްޓްރީން ބޭރުގެ އެޖެންސީއެއް މެދުވެކޮށް ޓީޗަރުން ގެންނާތީ، އެކަން ހުއްޓުވުމަށް އެންޓި ކޮރަޕްޝްން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ އެމްޕްލޯއިމެންޓް އެޖެންސީންނެވެ. އެ އެޖެންސީން މިިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހު އޭސީސީއަށް ފޮނުވި ސިޓީގައި، ބިދޭސީން ގެނައުމުގެ ގާނޫނުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބޭރުގެ އެޖެންސީތަކަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން ދާތީ އެ މަސައްކަތް ހުއްޓުވައިދެއްވުމަށް އެދިފައިވެއެވެ.

އެމްޕްލޯއިމެންޓް އެޖެންސީން ބުނީ، 202 ވަނަ އަހަރަށް ބޭނުންވާ ޓީޗަރުން ގެނެސްދޭނެ ދެ އެޖެންސީއެއް ހޯދުމަށް ވިޔަފާރި އުސޫލުން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކުރުމުން، އެކަމަށް ހުޅުވާލައިފައިވާ ބިޑް ޑޮކިއުމެންޓްގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މިނިސްޓަރު އައިޝަތު އަލީއާ އެއްކޮށް ބޭއްވި ބައްދަލުވުމުގައި އެކަން ފާހަގަ ކޮށްފައިވާ ކަމަސެވެ. އަދި އެކަން އިސްލާހުކޮށް ދެއްވުމަށް ދެންނެވުމުން އެކަމަށް މިނިސްޓަރުގެ ރުހުން އޮތްކަމަށް ވިދާޅުވެ، ކަމާބެހޭ ވެރިންނައި އެކު ބޭއްވި ބައްދަލުވުމެއްގައި ކަން ހިނގާފައިވާގޮތް ސިޓީއަކުން މިނިސްޓަރަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޭރުގެ އެޖެންސީތަަކށް ފުރުސަތު އޮންނަ ގޮތަށް އެމެންޑްމެންޓް ނެރެފައި ކަމަށް އެ އެޖެންސީން ބުނެއެވެ.

އެ އެޖެންސީން އޭސީސީއަށް ފޮނުވި ސިޓީގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ބެހޭ ގަވާއިދުގެ (7) ވަނަ މައްދާގެ (ހ) ވާ ގޮތުން ރާއްޖެއަށް ބިދޭސީން ގެނައުމުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ފޯރުކޮށްދެވޭނީ މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވަޒީފާ ހަމަޖައިސައިދޭ އެޖެންސީ ތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ބިދޭސީން ގެނައުމުގެ ހިދުމަތް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުން ފޯރުކޮށްދޭން ވާނީ ވަޒީފާ އާއިބެހޭ ގާނޫނުގެ (63) ވަނަ މާއްދާގެ ދަށުން އެކުލަވައިފައިވާ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައި ވާ އެޖެންސީތަކަށް އެކަނިކަމަށް ވެސް ބުނެފައިވެއެވެ. އަދި މި މައްދާއިން ބޭރުގެ އެޖެންސީތަކަށް ފުރުސަތު ނުދިނުމަށް ކަނޑައަޅާފައިވަނީ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ބެހޭ ގަވާއިދުގެ 16 އަދި 20 ވަނަ މާއްދާގައިވާ ސަބަބުތަކައި އެޖެންސީތަކުގެ މަސްއޫލިއްޔަތުތަކަށް ރިއާޔަތްކޮށްފައިވާތީ ކަމަށް އެމްޕްލޯއިމެންޓް އެޖެންސީން ބުނެއެވެ.