އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޮރެންސިކް އޮޑިޓެއް ހެދުމަށް ބޭރުގެ ކުންފުންޏެއް ކަމާށްވާ ޑެލޮއިޓް ސިންގަޕޯ އައްޔަންކޮށްފިއެވެ.
ގައުމީ ބޭންކުން ބުނީ، އެ ބޭންކުން ނުގަވައިދުުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް ގެންދިޔައީ ބުނަމުން ކަމަށާއި އަދިި މިހާތަނަށް ކޮށްފައިވާ ތަފާތު އޮޑިޓް ތަކުންވެސް ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަަގަ ކޮށްފައެި ނުވާ ކަމަށެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ދިއުމާއެކު، ބޭންކާ އަދި ގުޅުން ހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ބަލައި އެމްއެމްޕީއާރްސީގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ މިނިވަން އިދާރާއެއް މެދުވެރިކޮށް ތަހުގީގީ އޮޑިޓެއް ކުރިޔަށް ގެންދިއުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ޑެލޮއިޓް ސިންގަޕޯރަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.
އެ ކުންފުނިން އެމްއެމްޕީއާރްސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯސް ކުރެވިގެން ދިޔަ ޗެކްތަކުގެެ އިތުރުން އެ މުއާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިން އަދި ކޮންޓްރޯލް ޕްރޮސީޖާ ބަލާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. މީގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖާތަކާއި، ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން ގެންދަނީ ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮަތަށްތޯ ބަަލައި މިނިވަން އޮޑިޓެއް ކުރާނެ ކަމަށެވެ.
ދާދި ފަހުން އެކުލަވައިލެވިނު ބޭންކުގެ ބޯޑާއި އަލަށް އައްޔަން ކުރެވުނު ސީއީއޯގެ އަމާޒަކީ ބޭންކް އޮފް މޯލްޑިވްސް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާ އެއްކަން ޔަގީން ކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ. އެގޮތުން އެ އޮޑިޓަކީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޓިޑެއް ކަމަށްވެސް ބުނެއެވެ. މީގެ އިތުރުން ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސަރެއްވެސް އައްޔަން ކުރެވިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.
އިތުރަށް ބޭންކުން ބުނީ، ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ އޮޑިޓް ނިމި، ކުރިއަށްދާ ތަހުގީގުގައި ކަމާގުޅުން ހުރި އިދާރާތަކަށް ފުރިހަމައަށް އެހީތެރިކަން ދިނުން ކަމަށެވެ.