އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ބަޔަކު ވަންކަމަށް ބުނާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލިޔުމެއް ހަވާލު ކުރުމަށް ކަމަށް ބުނެ "ގޮތް ނޭނގޭ ބަޔަކު" އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ގެކޮޅަށް ވަންނަން މަސައްކަތް ކުރި ކަމަށް ކޯޓުން ބުނެފައިވީ، ނަމަވެސް އެފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ.

މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު ފަހު 12:45 އެހާކަށް ހާއިރު ޖޭއެސްސީގެ ފަރާތުން ލިޔުމެއް ހަވާލުކުރަން ކަމަށް ބުނެ ގޮތް ނޭނގޭ ބަޔަކު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތަށް ވަދެ އުއްތަމަ ފަނޑިޔާރުގެ އެޕާޓްމަންޓް ހުންނަ ފަންގިފިލާއަށް އަރައި އެޕާޓްމަންޓުގައި ޓަކި ޖަހައި ހެދި ކަމަށް ކޯޓާ ހަވާލާދީ ބުނެފައި ވެއެވެ. އަދި އެޕާޓްމަންޓުގެ ދޮރުހުޅުވުމުން އެއީ ޖޭއެސްސީގެ ފަރާތުން ދިޔަ ބަޔަކު ކަމަށް ބުނި ކަމަށާއި ނަމަވެސް އެއީ ޖޭއެސްސީގެ ބަޔަކު ކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖޭއެސްސީން، އެ ކޮމިޝަނުން ތަހުގީގު ކުރަމުންގެންދާ، އުއްތަމަ ފަނޑިޔާރުގެ ސުލުކީ މައްސަލައިގެ ރިޕޯޓު އުއްތަމަ ފަނޑިޔާރާ ހަވާލު ކުރުމަށް ފޮނުވި ނަމަވެސް އެ ރިޕޯޓާ ހަވާލުވެވަޑައިގަންނަވަން އުޒުރުވެރިވެ ވަޑައިގެން އުއްތަމަ ފަނޑިޔާރު ވަނީ އެ ރިޕޯޓު އަނބުރާ ޖޭއެސްސީއަށް ފޮނުވާލާފައެވެ.

މި ކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވެފައި ވަނީ، އުއްތަމަ ފަނޑިޔާރަށް ފޮނުވި ރިޕޯޓު ޖޭއެސްސީއަށް އަނބުރާ ފޮނުވި ކަމަށާއި ކައުންޓަރު ބަންދުކޮށްފައި ހުރުމުން ކައުންޓަރު މަތީ އެ ރިޕޯޓު ބާއްވާފައިވާ ކަަމަށް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފު ގުޅާފައި ބުނި ކަމަށެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރާ ގުޅޭ ގިނަ ސުލޫކީ މައްސަލަތަކެއް ގެންނަނީ ބަލަމުންނެވެ. އެގޮތުން އެންމެ ފަހުން ފެންމަތިވެފައިވާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް ވަޒީފާގެ ބިރު ދެއްކެވި މައްސަލައެކެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި ސުލޫކީ މައްސަލައެއްގައި އެމަނިކުފާނާ މެދު އެޅި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ކަމުގެ ލިޔުން އެމަނިކުފާނާ ހަވާލު ކުރަން އުޅުމުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތުމަށް އިންކާރު ކުރައްވާފައި ވާތީ އެކަންކަމާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވާކަންވެސް ފާހަގަ ކުރެވެއެވެ.