އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވަމުންދާ ބޮޑެތި އަލިފާންގަނޑުތަކާއެކު އެ ގައުމުގެ 2 ސްޓޭޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ސްޓޭޓް އޮފް އެމާޖެންސީ އިއުލާންކޮށްފިއެވެ.

އޮސްޓްރޭލިއާގެ އިރުމަތީ ސަރަހައްދުތަކުގައި އެންމެ ބައިބޯ ސަރަހައްދުތައް ހިމެނޭ ގޮތަށް ސްޓޭޓް އޮފް އެމާޖެންސީ އިއުލާން ކޮށްފައި ވަނީ ނިއު ސައުތް ވޭލްސް (އެންއެސްޑަބްލިއު)އާއި ކުއީންސްލަންޑް ސަރަހައްދުގައެވެ.

އޮސްޓްރޭލިއާގައި މިހާރު ފެތުރެމުންދާ އަލިފާންގަނޑުތަކާ ގުޅިގެން 3 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ކަންމިހެން އޮތްއިރު، އޮފިޝަލުންވަނީ ކުރިއަށް އޮތް އަންގާރަ ދުވަހަކީ އޮސްޓްރޭލިއާގެ އެންމެ ބޮޑޫ ސިޓީ ކަމަށްވާ ސިޑްނީއަށް އިންތިހާއަށް ނުރައްކާ ވެގެންދާނެ ދުވަހެއް ކަމަށް ލަފާކޮށްފައެވެ. އެގޮތުން އެ ދުވަހު ބައެއް ހިސާބުތަކުގެ ފިނިހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް އުފުލިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

2 ސްޓޭޓްގެ އެކި ހިސާބުތަކުގައި 120 އަލިފާންގަނޑެއް ރޯވެ އަނދަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ނިއު ސައުތް ވޭލްސްއަށް ބަލާއިރު އަލިފާނުގެ ސަބަބުން 970000 ހެކްޓަރުގެ ބިމެއް އަނދާ އަޅިއަށްވެފައިވާއިރު، 150 ގެއަކަށް ވަނީ ގެއްލުންވެފައެވެ. ކުއީންސްލަންޑް ސަރަހައްދުން 9 ގެއެއް އަނދާ އަޅިއަށްވެފައިވާކަމަށް ޚަބަރު ލިބެއެވެ.

މިއީ ކިހިނެއްވެގެން ރޯވަމުންދާ އަލިފާންގަނޑުތަކެއްކަން އަދި ކަށަވަރުކުރެވިފައި ނުވި ނަމަވެސް، މިއީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިނގާ ހާދިސާތަކެއްކަން ގަބޫލުކުރުމަށް އޮސްޓްރޭލިއާގެ އިސް އޮފިޝަލުން އަދިވެސް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.