ރާއްޖޭގެ 52 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސުން ފޮނުއްވައިފިއެވެ.

މިއަދު ފާހަގަ ކުރަމުން މިދާ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވާފައި ވާއިރު، ކުރީގެ ރައީސުންގެ ތެރެއިން ރައީސް މުހައްމަދު ވަހީދު، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހި ރާއްޖޭގެ 52 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި އިހުލާސްތެރި ހެޔޮ އެދުންތައް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. ރައީސް ވަހީދު ކުރެއްވި ޓްވީޓްގައިވެސް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވެސް ވަނީ ދުވަހުގެ ތަހުނިޔާއާ އިހުލާސްތެރި ހެޔޮ އެދުންތައް ހުރިހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.

ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ޖުމްހޫރިއްޔަތުގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމަށާއި، ޒަމާނުއްސުރެ ދެމިގެން މިއަންނަ ދިވެހި ވެރިކަން ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަމަކަށް ކިރިޔާވެސްވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒަމާއެކު ކަމަށެވެ. އަދި ޖުމްހޫރިއްޔަތު ބިނާކުރުމަށް މި ނިޒާމު ދަމަހައްޓަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގައި ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމުވިތާ 51 އަހަރު ފުރޭ 52 ވަނަ ޖުމްހޫރީ ދުވަހެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމުކުރެވުނީ، 1 ޖަނަވަރީ 1953 ގައި ސުމުއްވުލް އަމީރު އަލްމަރްހޫމް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒައާމަތުގައެވެ. މިހާރު ގާއިމުވެފައި މި އޮތް، ދެވަނަ ޖުމްހޫރިއްޔާ އަކީ ސުމުއްވުލް އަމީރް އަލްމަރްހޫމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒައާމަތުގައި، 11 ނޮވެންބަރު 1968 ގައި ގާއިިމް ކުރެވުނު ޖުމްހޫރިއްޔަތެކެވެ.

މި ޖުމްހޫރިއްޔާގެ ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައީސް މުހައްމަދު އަމީން، ރައީސް އިބްރާހިމް ނާސިރު، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.