ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުހުންނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
52 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ގާނޫނު އަސާސީގެ 5 ވަނަ މައްދާގައިވާ ގޮތުން އޮންނާނީ ދުސްތޫރީ ސިޔާސަތެއް ކަމަށާއި ގާނޫނު އަސާސީއަށް ވުރެ މަތީގައި އެއްވެސް ފަރާތަކަށް ނުހުންނެވޭނެ ކަމަށެވެ. އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ގާނޫނު އަސާސީއަށް ވުރެ މަތީގައި ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ނުހުންނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ ދެމެހެއްޓުމަކީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމަށާއި އެހެންކަމުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަންވާނީ ރައްޔިތުންގެ ހައްގުތައް ހޯދާދިނުމަށް ކަމަށާއި ކޯޓުތަކުންވެސް މަސައްކަތް ކުރައްވާނީ އެގޮތުގެ މަތިން ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ ބައެއް ތަފާސްހިސާބުތަކުގެ ވާހަކަވެސް ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ވޭތުވެ ދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ގޭންގު މާރާމާރީ ނުވަތަ އެފަދަ ކުށްތަކުގައި ޖުމްލަ 21 މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހިނގަމުންދާ ވެރިކަމުގެ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ގޭންގު މާރާމާރީގައި އެއްވެސް މީހަކު މަރުވެފައި ނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ފާއިތުވި އަހަރުތަކާ އަޅާ ބަލާއިރު، އަނިޔާވެރި ކުށްތައް މިއަަހަރު 50 ޕަސެންޓަށް ދަށް ވެފައި ވާކަމަށް ވިދާޅުވިއެވެ.
މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލެއްވި ކޮމިޝަނުން ކުރާ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އާއި ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަމާ ގުޅުން ހުރި މަސައްކަތްތައް ކަމާގުޅޭ ފަރާތްތަކާ އެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ސަރުކާރުން ދެމުން ގެންދާ ހިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މަޝްރޫތައް ހިންގުމާ ހިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީ ނުކުރާނެ ކަަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައިވެރިވެވަޑައިގެންނެވިއެވެ.