ދެކުނު އޭޝިއާ ސަރަހައްދުގެ ވައި ތަޣައްޔަރުވަމުންދާތީ އެކަމާ ކަންބޮޑުވާކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ ނަރުދަމާގެ ނިޒާމުގެ މަޝްރޫއާއި ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓާ އޮންރިއެޓާ ފޯ، ދާދިފަހުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރެއްވި ދަތުރަކަށް ފަހުގައެވެ.

މި ދަތުރަށްފަހު ވާހަކަފުޅު ދައްކަވަމުން ފޯ ވިދާޅުވީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކުޑަކުދިން އުފުލަމުންދާ ތަކުލީފުތައް ވަރަށް ގާތުން ފެނިވަޑައިގެންފައިވާކަމަށެވެ.

ދިއްލީގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ސިފަކުރައްވަމުން ފޯ ވިދާޅުވީ މަސްރަހު އޮތީ ކާރިސާއެއްގެ ދަރަޖާގައި ކަމަށާ، ވައި ފިލްޓަރުކޮށްދޭ މާސްކު އަޅައިގެން ހުންނައިރުވެސް ވިހަ ދުންފިނީގެ ވަސް ދުވާކަމަށެވެ. ކައިރި އަވަށްޓެރި ހިސާބުތަކަށް ބަލާއިރު ދުން ބޯވެ، އިމާރާތްތަކާ، ގަސްތަކާ މީހުންވެސް ވަކިކުރަން ނޭނގޭ ދަރަޖައަށް ހާލަތު ގޯސްވި ކަމަށްވެސް ފޯ ވަނީ ސިފަކުރައްވަމުން ފޯ ވިދާޅުވީ، ދެކުނު އޭޝިއާގެ 620 މިލިއަނެއްހާ ކުދިން ނޭވާ ލަމުންދަނީ ވިހަ ވައިގެ ތެރޭގައި ކަމަށެވެ.

ފޯ އިތުރަށް ވިދާޅުވީ ވައި ތަޣައްޔަރުވަމުން ގޮސް، ތަޣައްޔަރުކަން ގިންތިކުރަން ބޭނުންކުރާ އާލާތްތަކުގެ ރީޑިންގްއިން ދައްކާ ދަރަޖައަށްވުރެވެސް ބޮޑަށް ވައި ތަޣައްޔަރުވުމުގެ ފުރުސަތު އެބައޮތް ކަމަށާ، މިފަދަ ކަންކަމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާ، ތަރައްގީއާއި ގުޅުން ހުރި އެކި ކަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެކަމަށެވެ.

ކުޑަކުދިންގެ ފުއްޕާމެޔަކީ ބޮޑެތި މީހުންނާ އަޅާ ބަލާއިރު ސައިޒުން ކުޑަ ގުނަވަނަކަށްވުމުން އެކުދިންނަކީ އަވަސް އަވަހަށް ނޭވާ ލާ ބައެކެވެ. އަދި ދިފާއީ ބާރުވެސް ދަށް ބައެކެވެ. އެހެންކަމުން، މިފަދަ ނާޒުފު ހާލެއްގައި ތިބި ކުދި ބަޔަކު، އިންތިހާއަށް ތަޣައްޔަރުވެފައިވާ ވައިގެ ތެރޭގައި ދިރިއުޅެން ޖެހުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން ޔުނިސެފުން ފާހަގަކުރެއެވެ. ނާރުގެ އެކި ކަހަލަ މައްސަލަތައް ޖެހުމުގެ އިތުރުން ވައި ތަޣައްޔަރުވެގެން ޖެހޭ އެންމެ އާންމު، އަދި އެންމެ ނުރައްކާތެރި ބައްޔަކީ ނިއުމޯނިއާއެވެ. މީގެ އިތުރުން ނޭވާ ހިއްލުމާ، ބްރޮންކައިޓިސް އިތުރުންވެސް ނޭވާލާ ނިޒާމަށްޖެހޭ ތަފާތު އެކި ކަހަލަ ނުރައްކާތެރި ބަލިތަކަށް މިކަމުގެ ސަބަބުން މަގު ފަހިވެގެންދެއެވެ.