ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން ބުލްބުލްއާއި ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 2 އަށް އަރައިފިއެވެ.

މީގެ އިތުރުން، އިންޑިއާއާއި ބަންގްލަދޭޝްއިން 2 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

އިންޑިއާގެ ހުޅަނގު ބެންގޯލްގެ ސާގަރަށް ރޭ ދަންވަރުގެ ވަގުތެއްގައި މި ތޫފާން އަރާފައިވާއިރު، ތޫފާން ބުލްބުލްގައި އުފެދޭ ރާޅުބާނީތަކުގެ އުސް މިން 7 ފޫޓަށް އުފުލިގެންދާނެ ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ.

ތޫފާން އުފެދިފައިވަނީ އައްސޭރި ފަށުގެ ސަރަހައްދެއްގައި ކަމުން މޫދުކުޅިވަރުގެ ހަރަކާތްތައް ކެންސަލްކޮށްފައިވާއިރު، ބައެއް އެއާޕޯޓްތަކުގެ ހިދުމަތްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. ހިދުމަތްތައް ސަސްޕެންޑްގެ ކުރި އެއާޕޯޓްތަކުގެ ތެރޭގައި އިންޑިއާގެ އެންމެ ބިޒީ ވައިގެބަނދަރުތަކުގެ ތެރޭގައި ހިމެނޭ ކަލްކަޓާ އެއާޕޯޓްވެސް ހިމެނެއެވެ.

ބަންގްލަދޭޝްއަށް ބަލާއިރު މޮންގްލާއާއި ޗިޓަގޮންގް އެއާޕޯޓްގެ އޮޕަރޭޝަންތައްވެސް ވަނީ ހުއްޓާލާފައި ކަމަށް ޚަބަރު ލިބެއެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ތޫފާން ބުލްބުލް ދަތުރުކުރަމުންދާނީ އުތުރަށެވެ. އަދި އުތުރަށް ދާ ވަރަކަށް މި ތޫފާނުގެ ބާރު ދަށްވަމުންދާނެ ކަމަށްވެސް މޫސުމާ ބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ.