އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަޔޯދާގައި ބާބްރީ މިސްކިތް ހުރި ބިމަކީ، ހިންދޫންނަށް މިލްކުވެގެންވާ ބިމެއް ކަމަށް އެ ގައުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރާނެ ކަމަށާ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްވެސް ހުށަހެޅުމަށް ނިންމާފައި ނުވާނެ ކަމަށް އުއްތަރަ ޕްރަދޭޝް ސުންނީ ސެންޓްރަލް ވަގުފް ބޯޑުން ބުނެފިއެވެ.

އުއްތަރަ ޕްރަދޭޝް ސުންނީ ސެންޓްރަލް ވަގުފް ބޯޑުގެ ޗެއާމަން ޒުފަރު ފާރޫގީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުން ހެޔޮ ހިތުން ބަލައިގަންނަ ކަމަށާ، އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ކަންމިހެން އޮތްއިރު، ވަކި ފަރަދަކު ނިކުމެ މައްސަލަ އިސްތިއުނާފުކޮށް ޕެޓިޝަން ހުށަހެޅުމަކީ އެ ބޯޑުގެ ނިންމުމާއި ގުޅުންހުރި ކަމެއް ނޫންކަމަށްވެސް އުއްތަރަ ޕްރަދޭޝް ސުންނީ ސެންޓްރަލް ވަގުފް ބޯޑުގެ ޗެއާމަން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ހޮނިހިރު ދުވަހު ކުރި ހުކުމް ބުނާ ގޮތުގައި ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް މިލްކުކޮށްދިނުމާއެކު، މިސްކިތެއް ބިނާ ކުރަން އެކަށީގެންވާ 5 އޭކަރުގެ ބިމެއް ސުންނީ ވަގުފު ބޯޑަށް ދޭންޖެހެއެވެ.