މި ދުވަސްވަރަކީ ޕާކިސްތާނަށް ފިނި މޫސުމުގެ ގަދަ ކޮޅިގަނޑުތަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރަކަށް ވީ ނަމަވެސް، ބޮޑުވަޒީރު އިމްރާން ހާންގެ ވެރިކަމާ ދެކޮޅަށް ވެރިރަށް އިސްލާމްއާބާދުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދާ މީހުންގެ ޖޯޝަށް ކުޑަ ނަމަވެސް ފިނިކަމެއް ނާދެއެވެ. ދޫދިނުމެއްވެސް ނެތެވެ. މިއާއެކު އިސްލާމްއާބާދުގެ ރަށްވެހިންނަށް ޖެހިފައި އޮތީ ކެތްކޮށްލައިގެން ތިބޭށެވެ. ނަމަވެސް މިއީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
އިމްރާން ހާން ވެރިކަމުގައި ހުންނެވީ ޣައިރު ގާނޫނީ ހާލަތުގައި ކަމަށް ބުނެ އޭނާގެ އިސްތިއުފާއަށް ގޮވާލާ، އިސްލާމްއާބާދުގެ މަގުތަކަށް ޕާކިސްތާނުގެ ރައްޔިތުން ޖަމާވާންފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
މިއާއެކު މި މުޒާހަރާތައް ވެގެން ދިޔައީ ކޮރަޕްޝަން ނައްތާލާ، ފަގީރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ހަވާލުވެވަޑައިގެންނެވި ކުރީގެ ކުރިކެޓް ތަރި އިމްރާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް އިމްތިހާނަށްވެސްމެއެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަކާލާތުކުރާ ގޮތުގައި އިމްރާނުގެ ޕާޓީއިން ވެރިކަމަށް އައީ އިންތިހާބު އޮޅުވާލައިގެންނެވެ. މިކަމުގައި ހޯދީ އަސްކަރިއްޔާގެ އެހީކަމަށް އިދިކޮޅު ފަރާތްތަކުން ދައުވާ ކުރެއެވެ. ކަންމިހެން އޮތް ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ޑިމާންޑްތަކަށް އިމްރާން ވަނީ ފުރަގަސްދެއްވާފައެވެ. މީގެ ބަދަލުގައި، އެ މުޒާހަރާތަކަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އިމްރާން ގެންދަވަނީ ސިފަކުރައްވަމުންނެވެ.
އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކަށް އަސްކަރިއްޔާއިންވެސް ދެކޮޅު ހަދައެވެ. އަސްކަރިއްޔާއިން ބުނާ ގޮތުގައި އެއްވެސް ޕާޓީއަކަށް އަސްކަރިއްޔާއިން އިސްކަން ދީފައެއް ނުވާނެއެވެ. އަސްކަރިއްޔާގެ ތާއީދު އޮންނަނީ ގާނޫނު އަސާސީއަށް ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދަނީ ބުނަމުންނެވެ.
ކޮންމެ ގޮތަކަށް ސަރުކާރުގެ ވާހަކަ ހުރި ނަމަވެސް އިމްރާންގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާތަކަށް ހީނަރުކަމެއް ނާދެއެވެ. އިސްލާމްއާބާދުގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ކުރިއަށްދާއިރު ބައެއް ހިސާބުތަކުގެ މަގުތައް ފުރާލާފައިވަނީ އިށީނދެ ތިބެގެން އިހުތިޖާޖު ކުރަމުންދާ ރައްޔިތުންގެ ސަފުތަކުންނެވެ. މި މުޒާހާރާތަކާ އިހުތިޖާޖުތަކަކީ، ޕާކިސްތާނުގެ ކުރީގެ ސަރުކާރާ ދެކޮޅަށް އިމްރާން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި ބޮޑު މުޒާހަރާއަށްވުރެ ވަރުގަދަ މުޒާހަރާތަކެއް ކަމަށް ޚަބަރު ލިބެއެވެ.
މުޒާހަރާ އިތުރަށް ފުޅާވިޔަ ނުދިނުމަށްޓަކައި ޕާކިސްތާނުގެ އެކި ހިސާބުތަކުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައިވާކަމުގެ އަޑުތައްވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ.