ހުޅުމާލޭގައި ދެ ސައިކަލު ޖެހި މިއަދު ހިނގި އެކްސިޑެންޓުގައި މަސްތުގެ ހާލަތުގައި ސައިކަލު ދުއްވި ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ

ފުލުހުން ބުނީ، މިއަދު މެންދުރު ފަހު 2:59 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ އިރު، 3 މީހަކަށް ކުދި އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގި ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި އިން 30 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ އިތުރުން އަނެއް ސައިކަލުގައި އިން 30 އަހަރުގެ މީހާއަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސައިކަލު ދުއްވި ދެމީހުންގެ އަތުގައި ލައިސަންސް އޮތް ކަމަށާއި ނަމަވެސް އެތަނުން ދެމީހުން ތިބި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެކްސިޑެންޓް ހިނިގި ވަގުތު ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ. އަދި 2 މީހުން ތިބި ސައިކަލު ދުއްވަން އިން މީހާ މަސްތުގެ ހާލަތުގައި ހުރެ ސައިކަލު ދުއްވި ތުހުމަތުގައި އެ މީހާ ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި މީހުންނަކީ ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލޭގައި ދެ ސައިކަލު ޖެހިގެން ގިނަ އެކްސިޑެންތްތަކެއް ފަހަަކށް އައިސް ހިނގާކަން ވަނީ ފާހަގަވެފައެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ވެސް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީ ބްރައުން ކުރިމަތިން ދެ ސައިކަލެއް ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓުގައި އަންހެނަކާއި 2 ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިރު އަންހެން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މި އެކްސިޑެންތްގައި އަނިޔާވި ތިން މީހުންވެސް ވަނީ ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.