2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްދިޔަ ދުވަސްވަރު ޗެރިޓީ ފައުންޑޭޝަނެއްގެ ނާޖާއިޒު ފައިދާ ނަންގަވައިގެން މަސައްކަތްކުރެއްވި ކަމުގެ ކުށުގައި 2 މިލިއަން ޑޮލަރުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޖޫރިމަނާ ކުރުމަށް އެމެރިކާގެ ސްޓޭޓް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މިހާރު އުވާލާފައިވާ ޑޮނާލްޑް ޖޭ ޓްރަމްޕް ފައުންޑޭޝަންއާއި ގުޅުންހުރި ހިޔާނާތުގެ މައްސަލާގައި ޓްރަމްޕްގެ އިތުރުން އޭނާގެ 3 ދަރިއަކާ ދެކޮޅަށް އެމެރިކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި ދައުވާގައި ޖޫރިމަނާގެ ގޮތުގައި ޓްރަމްޕް ދައްކަންޖެހިވަޑައިގަންނަވާ 2 މިލިއަން ޑޮލަރު ބަހަންޖެހޭ 8 ފައުންޑޭޝަނެއްގެ ނަންވެސް ވަނީ ބަޔާންކޮށްފައެވެ.

ޓްރަމްޕް ވަނީ އޭނާގެ ފައުންޑޭޝަން ދިފާއުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން އެ ފައުންޑޭޝަނުގައި ކުދިކުދި "ޓެކްނިކަލް މައްސަލަ"ތަކެއް ހުރި ނަމަވެސް އެއީ ބިނާކުރަނިވި މަސައްކަތްތަކެއް ކުރި ފައުންޑޭޝަނެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.