ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހާތިފް ހިލްމީ އާއި ހުސައިން މަޒީދު އައްޔަން ކުރައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މި ދެބޭފުޅުން އައްޔަން ކުރީ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން މަޒީދަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ. އަދި މި ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުއްވީ، ޖޭއެސްސީގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާން ހުސައިން ވިދާޅުވީ، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނުގެ މެންބަރުން ސިއްރު ވޯޓަކުން ހޮވާ ހޮވުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކިތަންމެ ތަޖުރިބާކާރު އަދި ގާބިލު ބޭފުޅަކު ފަނޑިޔާރުކަމަށް ކުރިމަތިލިޔަސް އެ ބޭފުޅެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކޮމިޝަނަށް އެނގިއްޖެނަމަ އެކަމާ މެދު ކޮމިޝަނުން މަޝްވަރާކޮށް، އެ ކަމަކަށް ރިއާއަތްކުރާ ކަމަށް ހިސާން ވިދާޅުވިއެވެ.

ހާތިފްއާއި މަޒީދު ހައިކޯޓަށް އައްޔަނުކުރުމަށް ޖޭއެސްސީން ނިންމީ އިއްޔެއެވެ. މި ދެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުން، ހައިކޯޓުގައި މިހާރު ޖުމްލަ 11 ފަނޑިޔާރުން ތިއްބަވައެވެ.

ހައިކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފައިވަނީ 18 ޖޫން 2017 ގައެވެ. އެ އިސްލާހުން ފަނޑިޔާރުންގެ އަދަދު އިތުރުކުރީ ރާއްޖޭގެ އުތުރުގައާއި ދެކުނުގައި އުފެއްދި ހައިކޯޓުގެ ދެ ގޮފިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަކުރުމަށެވެ.