ޖިންސީ ގޯނާގެ ކުރި ތުހުމަތު ކުރެވިފައި ވާ ކޯޗު ފުރަން ގޮސް ހުއްޓާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި 46 އަހަރުގެ މީހަކު މިއަދު ފުރަން ގޮސް ހުއްޓާ ހައްޔަރު ކޮށްފި ކަމަށެވެ. ޢެއީ ގައުމީ ކްރިކެޓް ކޯޗް އާސިފް ހާން އެވެ. އޭނާ މިއަދު ހައި ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަަމަށެވެ. އަދި މިހާރު އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިދިޔަ މަހުގެ 5 ވަނަދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިލައިގެން ފުރަންގޮސް ހުއްޓާ ހައްޔަރު ކުރި ކޯޗު އާސިފް ހާން މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރީ 24 ގަޑިއުރި ހަމަވީ ފަހުންނެވެ. ފުލުހުންގެ އިހުމާލުން އޭނާ ކޯޓަށް ހާޒިރު ކުރެވުނުލެއް ލަސްވުމުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އުމުރު ކުރިއެވެ. ނަމަވެސް އޭނާއަށް ރާއްޖެއިން ބޭރަށް ދިއުން މަނާކޮށްފައިވާ ކަމަށާއި 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ. އެގޮތުން އިއްޔެއަކީ ކޯޗަށް ދީފައިވާ މުއްދަތު ހަމަވީ ދުވަހެވެ.
މި މައްސަލައާ ގުޅިގެން ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓު ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު ކްރިކެޓު ބޯޑުން އާއްމުންނަށް ފޮރުވާފައިވާކަން ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ޒުވާން ކްރިކެޓު ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ލިބިފައިވާ ކަމަށް ކުޅުންތެރިން ބުނެފައި ވެއެވެ.
ހަމައެއާ އެކު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލިބުނު ގެއްލުން ފާހަގަކޮށް އެ ކުޅުންތެރިން ގޮވާލާފައި ވަނީ ކްރިކެޓު ބޯޑުގެ މެންބަރުން، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނަށާއި، ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގަށް އެހީތެރިވެ އެއްބާރުލުން ދިނުމަށެވެ.
އާސިފް ހާން ސަސްޕެންޑް ކުރި އިރު ގައުމީ ކްރިކެޓް ޓީމްގެ ކޯޗެއްގެ ގޮތުގައި އޭނާ ހުންނަތާ 2 އަހަރު ވެއްޖެއެވެ.