ޅ. ނައިފަރަށް އުފަން އުމުރުން 10 އަހަރުގެ ފާތިމަތު ޖަންނަތު (ޖަންނަ) އަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބައްޔެއް ކަމަށްވާ ހަކުރު ބައްޔަށް ބޭސް ކުރަމުންދާ ކުއްޖެކެވެ. މީގެ ކުރިންވެސް ޖަންނަގެ ބައްޔަށް ބޭސްކުރަން ޖެހި ރާއްޖެއިން ބޭރަށް ދާން އާއިލާއިން ބޭނުވެގެން އައިޖީއެމްއެޗުގައި އެދުނު ނަމަވެސް އެއީ ރާއްޖެއިން ބޭސްފަރުވާ ކުރެވޭ ބައްޔެއް ކަމަށް ވާތީ ޖަންނަގެ ބައްޔަށް ބޭސްފަރުވާ ކުރުމަށް އާސަންދަ ހަމަޖެހޭ ގޮތެއް އޭރު ނުވިއެވެ. އެއީ މީގެ 7 މަސްކުރީގެ ވާހަކައެކެވެ.

މިހާރު ޖަންނަ މިވަނީ މިބަލީގައި ފަރުވާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައެވެ. ނަމަވެސް ކުއްޖާއަށް ދިމާވާން ފެށި އިތުރު އުނދަގޫ ތަކަކަށް ފަހު ޖަންނަގެ ހާލު ސީރިއަސް ވެގެން ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ކުއްލިއަކަށް މާލެ ގެނެސްފައެވެ.

"ފުރަތަމަ ފަހަރު ހޮޑުލީ އިރު ހުރީ ހުސްދަވަ. ބައިވަރު ދަވަ. ދެވަނަ ފަހަރަށް ހޮޑުލީ އިރު ހުރީ ލޭކުލަ، ތިންވަނަ ފަހަަރަށް ހޮޑުލީއިރު ހުރީ ހުސް ލޭ. ހުސް ލެއަށް އައީ. ހޮސްޕިޓަލަށް ދިޔައިމަ އެޑްމިޓުކޮށް ޓެސްޓުތައް ހަދާފަ ބުނީ އެތެރެ ހަށިން ލޭ އަންނަނީއޭ ބަލަންށޭ ޖެހޭނީ އަވަހަށް މާލެ ދާށޭ."
ޖަންނަގެ މަންމަ

ޖަންނަގެ ހާލަތު އޭނާގެ މަންމަ ހަދީޖާ އިބްރާހިމް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން ބުނީ، ފުރަތަމަ ޖަންނަތު ހުންއައި ކަމަށާއި އަދި އޭރު ހަކުރު ޓެސްޓުތައް ހެދި އިރު އޭނާގެ ހަކުރު ހުރީ ފުދޭވަރަކަށް ދަށްކޮށް ކަމަށެވެ.

އޭގެ އެއް ހަފްތާއަށް ފަހު ކުއްލިއަކަށް އާދަޔާ ހިލާފަށް ޖަންނަތު ހޮޑުލާން ފެށީ ކަމަށާއި ފުރަތަމަ ލީ ހޮޑުގައި ހުރީ ދަވަ ކަމަށް ހަދީޖާ ކިޔައިދިނެވެ. އަދި ފަހުން ހޮޑުލީ އިރު ލޭގެ އަސަރު ހުރި ކަމަށާއި ތިންވަން ފަހަރަށް ހޮޑު ލީއިރު ހުރީ ހުސް ލޭ ކަމަށް އޭނާގެ މަންމަ ބުނެއެވެ. މީގެ އިތުރުން އެ ދުވަސްކޮޅު ޖަންނަ ބޮޑު ކަމުދިޔަ އިރު ޓޫލްސް ހުންނަނީ ކަޅުކުލައަކަށް ކަމަށް އެނާގެ މަންމަ ކިޔައިދިނެވެ. ޅ. އަތޮޅު ހޮސްޕިޓަލަށް ދެެއްކުމުން ޖަންނަގެ ޓެސްޓުތައް ހެދުމަށް ފަހު ބުނީ އެތެރެ ހަށިން ލޭ އަންނަނީ ކަމަށާއި މާލެއަށް ވީހާވެސް އަވަހަށް ދިއުމަށެވެ.

"ދެން މާލެއަށް އައިސް ދެ ދުވަސްވަންދެން އެމަޖެންސީގައި ބާއްވާފައި ޓެސްޓުތައް ހަދާފަ. އައިޖީއެމްއެޗުން ވެސް ބުނީ އެހެން. ކޮންމެސް ތަނަކުން ލޭ އަންނަނީއޭ. ކިހިނެއް ވެގެން ކަމެެއް ނޭނގެއޭ. ބުނީ އެންޑޮސްކޯޕީއެއް ހަދާށޭ ޖެހޭނީ. އެކަމަކަު ރާއްޖޭގައި ކުޑަކުދިންގެ އެންޑަސްކޮޕީ ނުހެދެއޭ. އެހެންވީމަ ވީހާވެސް އަވަހަކަށް އިންޑިއާ އަށް ގޮސް ޓެސްޓުތައް ހަދާށޭ. އިނިްޑިއާއިންނޭ ހެދޭނީ. އެހިސާބުން އާސަންދަ ދިނީ"
ޖަންނަގެ މަންމަ

ހަދީޖާ ބުނީ، ދެން މާލެއަށް ގޮސް އައިޖީއެމްއެޗަށް ދެއްކުމުން އެމަޖެންސީގައި ދެދުވަހު ބާއްވައިގެން ޓެސްޓުތައް ހެދި ކަމަށާއި އަދި އައިޖީއެމްއެޗުން ވެސް ބުނީ އެތެރެ ހަށިން ލޭ އަންނަނީ ކަމަށެވެ. އެންޑޮސްކޮޕީއެއް ހަދައިގެން ނޫނީ ލޭއަންނަ ތަނެއް ދެނެނުގަނެވޭނެ ކަމަށާއި އަދި މިވަގުތު ކުޑަކުދިންގެ އެންޑޮސްކޮޕީ ރާއްޖޭގައި ހެދެން ނެތް ކަމަށް ބުނެ ވީ އެންމެ އަވަހަކަށް އިންޑިއާއަށް ދިއުމަށް ޑޮކްޓަރުން ލަފާ ދިން ކަމަށް ހަދީޖާ ބުންޏެވެ. އަދި މިފަހަރު އާސަންދަ ހަމެޖެހުނު ކަމަށްވެސް ހަދީޖާ ބުނެއެވެ.

ޖަންނަތު އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ އުމުރުން 9 އަހަރުގައެވެ. ފެބްރުއަރީ 18، 2018 ވަނަ ދުވަހު މާ ބޮޑަށް ހޮޑުލައި ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އޭނާ ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ކުއްޖާގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާ ހިލާފު އެތައް ކަމެއް ފާހަގަ ކުރެވޭތީ ހަދީޖާ އެވާހަކަތައް ޑޮކްޓަރާ ހިއްސާކުރިއެވެ. ބަނޑުހައި ވުމާއި، މާ ބޮޑަށް ކާހިތްވުމުގެ އިތުރުން ގިނައިން ފެން ބުއިމާއި އާދަޔާ ހިލާފަށް ކުޑަކަމުދާ ވާހަކައެވެ. އެހިސާބުން ޑޮކްޓަރު ބުނީ އެ އަލާމާތްތަކަކީ ހަކުރުބަލީގެ އަލާމާތްތަކެއް ކަމަށެވެ.

ފާތިމަތު ޖަންނަތަށް އައިޖީއެމްއެޗުން ދީފައިވާ ލިޔުން

ހަކުރުގެ ޓެސްޓުތަކާއި ލޭގެ އެހެނިހެން ޓެސްޓުތަކެއް ހަދާ އޭގެ ރިޕޯޓުތަކުގެ ނަތީޖާ އައި އިރު ޖަންނަތުގެ ލޭގައި ހަކުރު ހުރި މިންވަރު ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. ކުރިން ވަނީ އައިޖީއެމްއެޗްގައި ޖަންނަ އެޑްމިޓް ކުރުމަށް ފަހު ހާލު ސީރިއަސް ވެގެން އައިސީޔޫއަށް ވެސް ބަދަލު ކުރަން ޖެހިފައެވެ.

ޅ. ނައިފަރު ސްކޫލުގެ ގްރޭޑް 5 ގައި ތައުލީމް ހާސިލް ކުރަމުންދާ ޖަންނަތަށް މިދިޔަ އަހަރު ސްކޫލަށް ދެވުނީ މަދު ދުވަސްކޮޅެއްގައެވެ. މިދިޔަ އަހަރު ޖުމްލަ ފަސްފަހަރެއްގެ މަތިން ޖަންނަތު މާލެއަށް ގެނެސް އެޑްމިޓްކޮށްފައިވާ އިރު ހަތަރު ފަހަރު ހާލު ބޮޑުވެގެން އައިސީޔޫއިންވެސް ފަރުވާ ދީފައި ވެއެވެ.

"ޖުމްލަ ފަސް ފަހަރު އައިސީޔޫއަށް ލި. އެންމެ ފަހުން ފަހަރު ފިޓުވެސް ޖެހުނު. އެއްފަރާތަށް އަނގަވެސް ދަމައިގެން"
ޖަންނަގެ މަންމަ

އެހެން ކުދިން ކައިބޮއެ އުޅޭކަހަލަ މީރު އެތައް އެއްޗެއް ކެއުމުން ޖަންނަތު ވަނީ މަހުރޫމް ވެފައެވެ. ބަލިވުމުގެ ސަބަބުން އެފަދަ އެއްޗެހި ނުކެވޭނެ ކަމަށް ބުނެ ކެތްތެރިކަމާ އެކީ ޖަންނަތަށް ހަދީޖާ ދިޔައީ ވިސްނައި ދެމުންނެވެ.

ޖުމްލަ ފަސް ފަހަރު އައިސީޔޫގައި އެޑްމިޓްކޮށްފައި ވާއިރު ކޮންމެ ފަހަރަކު ވެސް ކުއްޖާގެ ފައިގެ ކަކުލުން ތިރިއާއި މޫނުމަތި އާދަޔާ ހިލާފަށް ފޮއްސިވެފައި ހުންނަކަން ހަދީޖާއަށް ފާހަގަވެއެވެ. އެހެންކަމުން ޑޮކްޓަރުން ގާތު އެކުއްޖާގެ ކިޑްނީއާ ލިވާގެ ޓެސްޓުތައް ހެއްދުމަށްވެސް އާދޭސްކޮށް އެތައް ފަހަރަކު މަތިން ހަދީޖާ ވަނީ އެދިފައެވެ. މިއަހަރު ކުރީކޮޅު ހަދީޖާގެ އެދުމުގެ މަތިން ހެދި ޓެސްޓަކުން ލިވާއިންނާއި ކިޑްނީގެ ބައެއް ދުޅަވާ ކަމަށް ބުނެ ޖަންނަތަށް ކޮންމެ ދުވަހަކު ދެއިރަށް އިންޖެކްޝަންތަކެއް ވެސް ވަނީ ދީފައެވެ.

ކުރިން ހަށިގަނޑު ރަނގަޅުކޮށް ހުރި ޖަންނަތު މިހާރު ހިކިގެންގޮސް ހުރީ ވަރަށް ކުޑަ ވެފައި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އަދި ޖަންނަތުގެ ބައްޔަށް އިތުރު ލުޔެއް ހޯދުމަށް ރާއްޖެއިން ބޭރަށް ދާން އެ އާއިލާއިން ބޭނުންވާކަމަށް ބުނެ އޭރު ޑޮކްޓަރުންގެ ލިއުމެއް ހޯދަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ހަކުރު ބައްޔަކީ ރާއްޖެއިން ފަރުވާ ދެވޭ ބައްޔަކަށް ވާތީ ޖަންނަގެ ބައްޔަށް އޭރު އާސަންދަ ހަމަޖެހޭ ގޮތެއް ނުވިއެވެ.

އައިސީޔޫގައި ފާތިމަތު ޖަންނަތު (ޖަންނަ) އެނދުމަތި ކުރެވިފައި ވަނިކޮށް

ޖަންނަތުގެ މަންމަ ހަދީޖާ އިބްރާހީމަކީ އެކަނިވެރި މައެވެ. ޖަންނަތުގެ އިތުރުން އޭނާގެ 15 އަހަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. އަމިއްލަ އާއިލާއާ އެކީ އުޅެމުން އަންނަ ހަދީޖާއަށް މިވަގުތު މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކަކާ މިވަނީ ކުރިމަތި ވެފައެވެ. ދަރިފުޅުގެ ބަލިހާލު ބޮޑުވެ އަތްމަތި ދަތިވަމުން ދާ އިރު އާއިލާގެ ފަރާތުން ހަދީޖާއަށް ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރެއެވެ. މާލީގޮތުން ތަނަވަސްކަމެއް ނެތި ދިރިއުޅެމުން އަންނަ މި ކުޑަ އާއިލާގެ ޖަންނައަށް ބޭސްފަރުވާ ކުރަން ދިއުމަށް އާސަންދައާއި އެންސްޕާއިން ލިބޭ ފައިސާ ހަމަޖެހުމަކުން ނުފުދޭނެއެވެ. އެ އާއިލާ ވަނީ ތިޔަ އެންމެހާ ދިވެހި ރައްޔިތުންގެ ދީލަތި އެހީއަކަށް ބޭނުންވެފައެވެ.

ޖަންނަތަށް އެހީވުމަށް ބޭނުންވާ މީހުން ޖަންނަތުގެ މަންމަ ހަދީޖާ އިބްރާހީމްގެ ނަންބަރު 9630210 / 7763424 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ. މާތްﷲ ޖަންނަތަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއްކަމުގައި ލައްވާށިއެވެ.