އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރައްވައިފިއެވެ.

ޖާބިރު ވިދާޅުވީ، ޑީއާރްޕީއިން އެމްޑީޕީއަށް ރޮޒައިނާ ބަދަލުވެވަޑައިގެންނެވި ގޮތާއި، ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި އެމްޑީޕީގެ އުސޫލާ ހިލާފުވެވަޑައިގެން އެ މަޖިލީހުގެ މުހިއްމު ބިލުތަަކަށް ރޮޒައިނާ ވޯޓު ވިއްކަވާފައިވާ ކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ރޮޒައިނާ ޖެހިވަޑައިގެންފައިވާ ކަމަށާއި، ރޮޒައިނާއަކީ 'އެމްޑީޕީއަށް ފާވެވަޑައިގެންފައިވާ ޖަރާސީމެއް' ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައި ވާއިރު އިއްޔެގެ ރައްޔިތުން މަޖިލީހުގައި ޖާބިރުވަނީ ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޖާބިރުގެ ތުހުމަތުތަކަށް ރޮޒައިނާ ވަނީ ރައްދުވެސް ދެއްވާފައެވެ. މި ދެ މެންބަރުންގެ ބަހުގެ ހަމަލާގައި ދެބޭފުޅުންވެސް ވަނީ އެ ދެބޭފުލުންގެ އަނބިން އަދި ފިރިންގެ ނަން ގެންނަވާފައެވެ. ޖާބިރު ވަނީ ރޮޒައިނާގެ ފިރިކަލުން މުހައްމަދު ނާޝިޒްގެ ވާހަކަ ނަންގަވާފައެވެ. އެހެންކަމުން ރޮޒައިނާ ވަނީ ރައްދު ދެއްވަމުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ނަން ނަންގަވާފައެވެ.

އިއްޔެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޖާބިރު ވިދާޅުވެފައި ވަނީ ރޮޒައިނާ ވެސް އެމްއެމްޕީއާރުސީން ވައްކަން ކުރައްވައިގެން ގެސްޓް ހައުސްތައް އަޅުއްވާފައިވާ ކަމަށް ތުހުމަތު ކުރެއްވޭ ކަމަށެވެ. އަދި ކޮރަޕްޝަންގެ އެ މައްސަލަ ބަލަންޖެހޭ ކަމަށާއި މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ރޮޒައިނާގެ ފިރިކަލުން އިންނަވައިގެން އެ މައްސަލަ ރަނގަޅަށް ބެލޭނީ ކިހިނެއްތޯ އައްސަވާ ޖާބިރު ސުވާލު އުފައްދަވާފައި ވެއެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އިންނަވާ މުހައްމަދު ނާޝިޒް އެމަގާމުގައި އިންނަވާތީ ޖާބިރު ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

ރޮޒައިންާ ރައްދު ދެއްވަމުން ވިދާޅުވީ، ޖާބިރުގެ ނަފްރަތު އޭނާއަށް އަމާޒުވީ، ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ފަނޑިޔާރު ކަމަށް ހޮވިވަޑައިނުގަތުމުން ކަމަށެވެ. އެގޮތުން ޖާބިރު ވަނީ، ދިޔާނާ 'ކަޓުވާލަން' ރޮޒައިނާ އަދި ރައީސް ސޯލިހް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ މަޖިލީހުގެ ސައި ކޮޓަރީގައި އަޑުގަދަ ކުރައްވާފައި ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ރޭންޑަމް ޓެސްޓިން ހަދާކަން ފާހަގަ ކުރައްވާ، މަޖިލީހުގައި އެލްކަހޯލް ޓެސްޓު ހެދޭ ގޮތަށް ބެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.

އަދި ރޮޒައިނާއަށް ޖާބިރު ކުރައްވާފއިވާ ވައްކަމުގެ ތުހުމަތުތައް ދޮގު ކުރައްވަމުން ރޮޒައިނާ ވަނީ އޭނާއަށް ވަގަށް ގޮވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، އޭނާއާ ގުޅޭގޮތުން ތަހުގީގެއް ހިންގާނެ ޖާގައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.