ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއް ޕެޓީކޭޝުން ފައިސާ ނަންގަވައިގެން ފަރިއްކުޅުއްވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

އޭސީސީއަށް މިއަދު ހުށަހަޅާފައި ވަނީ އެ ކޯޓުގެ ހަތަރު ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ މުހައްމަދު ޣަނީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ. އެއީ، ސުޕްރީމް ކޯޓުގެ އިދާރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ޕެޓީ ކޭޝް ނަންގަވައި ފަނޑިޔާރުންގެ ފަރިއްކޮޅަށް ހޭދަކުރައްވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގުކޮށް ދިނުމަށް ހުށަހަޅާފައިވާ ކަން އޭސީސީން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި މައްސަލަ އަކީ އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައެކެވެ. މި ހަތަރު ފަނޑިޔާރުން މެންދުރު ފަރީއްކުޅުއްވަނީ ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރަށް ސުޕްރީމްކޯޓުގެ ވެހިކަލެއްގައި އެތަނުގެ މުވައްޒަފަކު ފޮނުވައިގެން، ކާއެއްޗެހި ގެންނަވައިގެން ކޯޓު ތެރޭގައި ފަރިއްކުޅުއްވާ ކަމަށާއި އާއްމުކޮށް މިގޮތަށް އަމަލުކުރެއްވި ނަމަވެސް ޕެޓީ ކޭޝް އަކީ ފަނޑިޔާރުން ފަރީއްކުޅުއްވަން ހަރަދުކުރަން ހުންނަ ފައިސާ ނޫންކަމަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

އަދި މިފަދަ ކަމަކަށް ޕެޓީކޭޝްގައި ހުންނަ ފައިސާ ހޭދަކުރުމަކީ ހުއްދަ ކަމަކަށް ނުވާތީ، އެ ކޯޓަށް އަލަން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން މެންދުރުގެ ފަރީއްކޮޅުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ކޯޓުގެ މުވައްޒަފުންނާ ހަވަލާދީ ބުނެފައި ވެއެވެ.

މި ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައި ވާއިރު މި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް އަންނަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގުކުރަމުންނެވެ.